ޑްރަގު އައްޑާތަކުގެ ވެރިންނަށް ދައުވާ ކުރަން ފޮނުވައިފި

ކޭފޭ އުސޫލުން މަސްތުވުމުގެ ހިދުމަތް ދެމުން ދިޔަ މ. ލޮނުމިދިލިގެ ފުލުހުން ބަލާ ފާސްކުރުމުގެ ތެރެއިން: ފޮޓޯ / ސަން

މާލޭގައި މަސްތުވާތަކެތީގެ “އައްޑާތައް” ހިންގާ ގެތަކުގެ ވެރިންނަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ވެރިޔާ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ބައެއް އޮންލައިން މީޑިއާތަކަށް މިއަދު ވިދާޅުވީ އެގޮތަށް ހިންގާ ތިން ގެއެއްގެ ވެރިންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އަށް ހުށަހަޅާފައިވާ ކަމަށެވެ.

ގޭގެ ވެރިންނަށް ދައުވާ ކުރަން ފޮނުވި ނަމަވެސް އެތަންތަން ބަންދު ކުރުމަށް ގާނޫނީ ގޮތުން ހުރަސްތަކެއް ކުރިމަތިވާ ކަމަށް ޝާކިރު ވަނީ ވިދާޅުވެފައެވެ. ޕީޖީގެ ދިރާސާތަކުން ވެސް އެކަން ހާމަވާ ކަމަށް ޝާކިރު ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ބުނީ ގެތަކުގެ ވެރިމީހުންގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން ފުލުހުން މެދުވެރިކޮށް ބައެއް ކަންކަން ސާފުކުރަން ޖެހޭތީ އެކަންކަން ބަލަމުން އަންނަ ކަމަށެވެ.

މަސްތުވާތަކެތީގެ މިފަދަ އައްޑާތަކަކީ މަސްތުވާތަކެތި ވިއްކުމުގެ އިތުރުން އެތަނުން އެތަނަށް މަސްތުވާތަކެތި ބޮވޭނެ ގޮތަށް އިންތިޒާމު ކޮށްފައިވާ ތަންތަނެވެ. އެތަންތަނުގައި މީހުންނަށް ތިބެވޭ ގޮތަށް އިންތިޒާމުތައް ރާވާފައިވާއިރު އެތަންތަނުގެ ސެކިއުރިޓީވެސް ހުންނަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.