ކުރިޔަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ބޯކޮސް ވާރޭ ވެހެނީ: ހަތާވީސް ފޮޓޯ / މުހައްމަދު އަފްރާހު

ކުރިޔަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އިން މިއަދު ބުނީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ޓްރަފްގެ ސަބަބުން ކުރިޔަށް އޮތް 48 ގަޑިއިރު (ދެ ދުވަސް) ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރުމާއެކު ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މީގެއިތުރުންވެސް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް އާއްމުވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އިން ބުންޏެވެ.

އެހެންކަމުން މެޓް އިން ވަނީ އާއްމުކޮށް ހުރިހާ ފަރާތްތަކުން ވެސް އަދި ވަކިން ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ލެއްވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވެ ދާނެތީ އާއްމުކޮށް ފެން ބޮޑުވާ ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް ވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އިން ވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށް ހއ. އަތޮޅުން ތ. އަތޮޅުގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.