އެސްޓީއޯއަށް 56 އަހަރު: ދެން އަމާޒުކުރަނީ ކަނޑަށް ގަދަކުރުން!

މިއަހަރުގެ އޭޕްރީލް މަހު ރާއްޖެ އައި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިން (އެމްއެސްއެސް)ގެ ފުރަތަމަ ބޯޓު-- ފޮޓޯ/ ޕީއެސްއެމް

އެއީ މީގެ 56 އަހަރު ކުރިއެވެ. ވިހި ވަނަ ގަރުނުގެ މެދުތެރެއެވެ. 1964ވަނަ އަހަރެވެ. އެންމެ ފުރަތަމަ ވިޔަފާރި އަށް ކިޔާފައި ވަނީ އަތިރީމާފަންނުގޭ ޓްރޭޑިން އެކައުންޓް (އޭޓީއޭ) އެވެ. މަސައްކަތް ކުރުމަށް ބޭނުން ކުރީ އަތްގާޑިޔާ ފަދަ އޭރުގެ އުޅަނދުތަކެވެ. އޭރު މުދާ ގެންދަނީ އޭރުގެ ފަރީދީ ސިނަމާ ނުވަތަ މިހާރުގެ ނަމުން ނަމަ ޒުވާނުންގެ މަރުކަޒަށެވެ. މިއީ މިއަދު ދިވެހި ސަރުކާރުގެ ވެސް އޮތް އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ފެށުމެވެ.

އޭޓީއޭގެ ނަން އެސްޓީއޯގެ ނަމަކަށް 1976ވަނަ އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހު ބަދަލުކުރިއެވެ. އޭރު އޭޓީއޭގެ ނަމުގައި ވިޔަފާރި ކުރަމުން އަންނަތާ 12 އަހަރުވެއްޖެއެވެ. އޭގެ ދެ އަހަރު ފަހުން، 1978ވަނަ އަހަރު އެސްޓީއޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައެވެ. އޭރަށް ބަލާނަމަ އެއީ ވަރަށް ބޮޑެތި ބަދަލުތަކެކެވެ. ހާއްސަކޮށް ކުންފުނި ހިންގުމުގެ އިދާރީ ބޮޑު ބަދަލެއް ގެނެއެވެ.

އާއްމުންނަށް ބޭނުންވާ ހުރިހާ ތަކެއްޗެއް އެންމެ އަގުހެޔޮކޮށް

މިއަދު އެސްޓީއޯ އިން މި ވަނީ އެ ކުންފުންޏަށް ދިމާވި އެތަކެއް ތުރާތަކާއި އެތައް ހުރަސްތަކެއް ގިރާކޮށްފައެވެ. އެސްޓީއޯގެ އުމުރު ދެބައިވެ މިއަދު މިވަނީ 56 އަހަރު ފުރިފައެވެ. ރާއްޖޭގެ އިގްތިސޯދުގައި އެސްޓީއޯ އަކީ މުހިއްމު ހިއްސާދާރެކެވެ.

ކާޑުގެ ބާވަތްތަކުން ވިޔަފާރު ފެށި އެސްޓީއޯ އަކީ މިއަދު ރާއްޖޭގައި ގިނަ ވައްތަރުތަކުގެ ވިޔަފާރިތައް ކުރަމުން އަންނަ ފުޅާ ކުންފުންޏެކެވެ. އެ ކުންފުނީގެ ވިޔަފާރީގެ ފުޅާކަށް އެނގިގެން ދަނީ ކުންފުނީގެ ދަށުން އުފަންވި ސަބްސިޑަރީ ކުންފުނިތަކުގެ ވެސް ވިޔަފާރި މެކުހަށް ޖަހާފައި އޮތުމެވެ. ސަބްސިޑަރީ ކުންފުނިތަކުގެ ވިޔަފާރިތައް ކާމިޔާބީއާ ހަމައަށް ވާސިލުވެވުނީ އެސްޓީއޯގެ މިންނެއް މަސައްކަތުންނެވެ.

މިއަދު އެސްޓީއޯ އަކީ ރާއްޖެ އަށް ކާޑު އެތެރެކޮށް ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު އެތެރެކޮށް، ގެދޮރު ޒީނަތްތެރި ކުރުމަށް ބޭނުންވާ ތަކެތި އެތެރެކޮށް އެސްޓީއޯ އިން ދަނީ ވިއްކަމުންނެވެ. ނުވިތާކަށް ދިވެހިންގެ ކެއްކުމަށް ވެސް އިންގިލާބީ ބަދަލެއް ގެނެސްދިން ބަޔަކީ އެސްޓީއޯއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދަރު އުނދުނާއި ކަރާސީނު ބޭނުންކޮށްގެން ކައްކާ އުނދުން “މޯލްޑިވް ގޭހަށް” ބަދަލުކޮށް ޒަމާނީ ކޮށްދިނީ އެސްޓީއޯއެވެ.

ތެލުގެ ވިޔަފާރީއާއެކު މުދާ އުފުލުމަށް ޝިޕިން ކުންފުންޏާއި ދިމާލަށް

އެސްޓީއޯ އަށް އެންމެ ބޮޑު ފައިދާއެއް ލިބިގެންދާ އެއް ވިޔަފާރި އަކީ ތެލުގެ ވިޔަފާރިއެވެ. މިއަދު ތެލުގެ ވިޔަފާރި ކުރަމުން ގެންދަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިންނެވެ. އެކުންފުނި ވުޖޫދުވެގެން އައީ 2001ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެ މަސައްކަތް ފަށައިގަތީ އެސްޓީއޯގެ 66 ޕަސެންޓު ހިއްސާއާ އެކުގައެވެ.

މިއަދު އެސްޓީއޯ އިން ދަނީ ކުދި ވިޔަފާރިތަކަށް ގެއްލުންނުވާނެ ގޮތަށް، ރާއްޖެއަށް އެންމެ ބޭނުންޖެހިފައިވާ ވިޔަފާރިތަކުގެ ތެރެއަށް ވަދެ ދިވެހި ރައްޔިތުންގެ ޖީބަށް ބުރަ ނުވާވަރުގެ އަގުތަކެއްގައި ތަކެތި ވިއްކަމުންނެވެ. އެސްޓީއޯ އިން ނުލިބޭ މުދަލެއް އެހެން ތަނަކުން ހޯދުމަކީ ނާދިރު ކަމެކެވެ. އެސްޓީއޯގެ ވިޔަފާރި ފުޅާކުރަމުންދާ މިންވަރުން ދޭހަކޮށްދެނީ އެ ކުންފުނި އޮތީ ލިބޭ އާމްދަނީއާއެކު، މަޑުޖައްސާލައިގެންނޫނެވެ. ފުއްދާލައިގެން ނޫނެވެ. އަނެއްކާވެސް ރައްޔިތުންނަށް ފައިދާވާ މަގުތައް ހޯދައި އެ ދިމާލަކަށް ދަނީ މިސްރާބު ޖަހަމުންނެވެ.

މިއަދު ރާއްޖެ އަށް އެންމެ މުހިއްމީ ޝިޕިން ވިޔަފާރިއެވެ. އެސްޓީއޯ އިން މިއަދު މި ވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިން ލައިންގެ ހިދުމަތް ވެސް ދިވެހިންނަށް ފައްޓައިދީފައެވެ. އެކަމުގެ ހެޔޮ އަސަރު ކުރިއަށް އޮތް މުސްތަގުބަލަށް ފޯރާނެ ގޮތަށެވެ.

މި ކުންފުނީގެ ބޭނުންތެރިކަން އެންމެ ބޮޑަށް ހާމަވެގެން ދިޔައީ ދުނިޔޭގައި ނުރައްކާތެރި ކޮވިޑް19 ވަބާގެ ސަބަބުން ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ވިޔަފާރިވެރިންގެ މުދާ ގެނެވޭނެ ގޮތެއް ނެތިފައި ވަނިކޮށެވެ. އެފަދަ ކުންފުންޏެއް މިއަދު ރާއްޖޭގައި ނެތް ނަމަ ދިވެހި ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އެތަކެއް ދަތި އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނީހެވެ. ނަމަވެސް އެސްޓީއޯގެ މެނޭޖުމަންޓުގެ ދުރު ވިސްނުމާއެކު މިއަދު މިވަނީ އެ ކުންފުނި ވެސް ވުޖޫދުކޮށް ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށާއި ރައްޔިތުންނަށް ބޭނުންވާ މުދާ ރާއްޖެ އެތެރެ ކުރުމަށް އަތުކުރި އޮޅާލައިގެންނެވެ.

ރާއްޖެއަށް މުދާ އެތެރެ ކުރުމަށް ބޭރުގެ އާގުބޯޓުފަހަރަށް ބަރޯސާވުމުގެ ބަދަލުގައި މިހާރު އެ ކުންފުނީގެ އަމާޒަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، އެ މަސައްކަތް ކުރުމެވެ. ދިވެހިންނަކީ ކަނޑަށް ގަދަބައެކެވެ. ދިވެހި ވިޔަފާރިތައް ވެސް ކަނޑަށް ގަދައެވެ. އެސްޓީއޯގެ އަމާޒަކީ ހުރެހެން، ދަތިކަމެއް ނެތި، ރާއްޖެއަށް ފަސޭހަކަމާއެކު ދިވެހި އުޅަނދުތަކުގައި މުދާ އުފުލުމެވެ. ޓްރާންސްޝިޕްމަންޓް ބަނދަރުތައް ހުރި ގައުމުތައް ކަމަށްވާ ސިންގަޕޯރ ޔޫއޭއީ އަދި ތައިލެންޑުން ޑިރެކްޓް ލައިންތައް ޤާއިމުކުރުމެވެ. ކަނޑަށް ގަދަކުރުމެވެ.

މިއަދު އެސްޓީއޯގެ އުމުރުން 56 އަހަރު ފުރުނުއިރު އެ ކުންފުންޏަކީ ރާއްޖޭގެ ރައްޔިތުންނަށް މުހިއްމު ކުންފުންޏެއްކަން އަންގައި ދީފިއެވެ. މިއަދު އެ ކުންފުންޏަކީ ރައްޔިތުންނާއި ގައުމަށް ދިމާވާ ދަތި އުނދަގޫ ދަނޑިވަޅުގައި ވެސް ކަން ކުރެވޭނެ ވަރުގެ ގާބިލު ކުންފުންޏެއްކަން މި ވަނީ ދައްކުވައި ދީފައެވެ. އެންމެ ފުރަތަމަ އެސްޓީއޯގެ ފައިދާއެއް ބަހާފައި ވަނީ 1978ވަނަ އަހަރުއެވެ. އެ އަހަރު ސާފު ފައިދާގެ ގޮތުގައި 2.1 މިލިއަން ރުފިޔާ އެކުންފުންޏަށް ލިބުނެވެ. މިދިޔަ ކުއާޓަރުގައި އެކަނި ވެސް އެސްޓީއޯ އިން ވަނީ 100 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ހޯދައިފައެވެ.

އެސްޓީއޯ އަކީ ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖޭގެ ތަރައްގީގެ ހިއްސާދާރެކެވެ. އެއީ ރައްޔިތު މީހާގެ ސިއްހަތުން ފެށިގެން ގޮސް ރައްޔިތު މީހާ ދިރިއުޅޭ ގެއާ ގޭތެރެއަށް ދަންދެނެވެ. މި ފުރުސަތުގައި އެސްޓީއޯ އަށް ދާދިފަހުން ލިބިގެން ދިޔަ ބައިނަލްއަގުވާމީ އެވޯޑަކީ އެ ކުންފުންޏަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށް މަރުހަބާ ކިޔަމެވެ!

ހިޔާލު ދެއްވާ!

Your email address will not be published.