މިމަހު އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިން، އެއީ 8،514 ފަތުރުވެރިން

ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޝިލްޕާ ޝެޓީ އާއިލާއާއެކު ރާއްޖޭގެ ރިސޯޓެއްގައި --

މިމަހުގެ މިހާތަނަށް ބަލާއިރު ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކަށް އަވަށްޓެރި އިންޑިއާ ވެއްޖެއެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި މަހުގެ 15ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދާއި ވަކިވަކި ދުވަސްތަކުގައި ފަތުރުވެރިން ރާއްޖެ އައި މިންވަރާއި ގުޅޭ ތަފާސް ހިސާބުތަކެއް މޯލްޑިވްސް އިމިގްރޭޝަން އިން ވަނީ އާއްމު ކޮށްފައެވެ.

އެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 15 ދުވަހުގެ ތެރޭގައި ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ގައުމަކަށް ވެފައި ވަނީ އަވަށްޓެރި އިންޑިއާއެވެ. އެ ގައުމުން އެކަނިވެސް ވޭތުވެދިޔަ 15 ދުވަހުގެ ތެރޭގައި 8،514 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ވޭތުވެދިޔަ 15 ދުވަހުގެ ތެރޭގައި އެންމެ ދުވަހެއްގައި ވެސް އިންޑިއާގެ ފަތުރުވެރިން ރާއްޖެ ނާންނަ ދުވަހެއް ނެތެވެ. އެންމެ ގިނަ ފަތުރުވެރިން އިންޑިއާ އިން އައިސްފައި ވަނީ މި މަހުގެ 13ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން އެކަނިވެސް 935 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކީ ޔޫކޭއެވެ. އެގައުމުން މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި 6،348 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެގައުމުން ވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ކަމަށް ދައްކަނީ މި މަހުގެ 13ވަނަ ދުވަހުއެވެ. އެ ދުވަހު އެގައުމުން ވަނީ 842 ފަތުރުވެރިން އައިސްފައެވެ.

ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން މި މަހުގެ ފުރަތަމަ 15ގައި ރާއްޖެ އައިސްފައި ވަނީ ރަޝިޔާ އިންނެވެ. އެގައުމުން 6،048 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި މަހުގެ ފަސްވަނަ ދުވަހާއި 12ވަނަ ދުވަހު އެގައުމުން ވަނީ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ ފުރަތަމަ 15ގައި ރާއްޖެ އަށް ވަނީ 36،731 ފަތުރުވެރިން އައިސްފައެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. އޭގެ ފަހުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ ޖުލައި މަހުގެ 15ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލި ފަހުން ރާއްޖޭގެ އިގްތިސޯދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަން އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ.

އެގޮތުން ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވެސް އަންނަނީ ރަނގަޅުވަމުންނެވެ. ރިސޯޓުތަކާއި ގެސްޓު ހައުސްތައް ފަދަ ތަންތަނުގެ އޮކިއުޕެންސީ ރަނގަޅުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.