ހުޅުމާލެ ގޮނޑުދޮށް ރެދަނުން ދިއްލާލައިފި

ހުޅުމާލެ ގޮނޑުދޮށުގައި ރެދަންލާފައި: ހުޅުމާލޭ ގޮނޑޮދޮށުގައި ރެދަންލާފައިވާތާ ދުވަސްކޮޅެއްވެއްޖެ-- ފޮޓޯ/ ހާތާވީސް

ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ބީއްސާލާ ކޮންމެ ރާޅަކާއެކު، ގޮނޑުދޮށް ދިއްލާލައެވެ. މިއީ މަދުން ނޫނީ ނުފެންނާނެ މަންޒަރެކެވެ. ރާއްޖޭގެ ރަށްތަކުގެ ތެރެއިން މިގޮތަށް ރެދަން ލަނީ މަދު ރަށްތަކެއްގައެވެ. އެ ވެސް ހާލަކުން ފަހަރަކުއެވެ. މާލެ ސިޓީގެ ފަސް ވަނަ އަވަށް، ހުޅުމާލެއިން މިރޭ ފެނިގެންދިޔައީ މި މަންޒަރެވެ. ރެދަން ލައި، ގޮނޑުދޮށް އޮތީ ދިއްލާލާފައެވެ.

ހުޅުމާލެ ގޮނޑުދޮށުގައި ރެދަންލާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކު، ބައެއް މީހުން މިރޭ އިރާކޮޅުން ފެށިގެން ހުޅުމާލެ އިރުމަތީފަރާތު ގޮނޑުދޮށަށް ޖަމާވިއެވެ. ދިޔަވަރު އޮތީ ހިކިފައެވެ. ނަމަވެސް މަޑުމަޑުން ބީއްސާލާ ކުދިރާޅުތަކާ އެކު، ރެދަން ވިދާ ބަބުޅަމުންދިޔައެވެ. ކުދިބޮޑު ގިނަ ބަޔަކަށް އެކަންވީ އުފަލަކަށެވެ. ހަޔާތުން މަދު ފަހަރެއްގައި އެ މަންޒަރު ބަލާލެވޭތީ، ގިނަ ބަޔަކަށް އެކަންވީ އާ ކަމަށެވެ. ޚާއްސަކޮށް، ވެރިރަށް މާލޭގައި ބަންދުވެފައި ތިބި އާއިލާތަކަށެވެ.

ހުޅުމާލޭގައި ރެދަންލުމަކީ މި އަވަށަށް ލިބޭނެ އިތުރު މަގުބޫލު ކަމެކެވެ. ޚާއްސަކޮށް ޓޫރިސްޓުންގެ މެދުގައެވެ. މިދިޔަ ހޯމަ ދުވަހު މާލެ ސިޓީގެ ގެސްޓްހައުސްތައް ހުޅުވާލި ނަމަވެސް، ހުޅުމާލެއަށް އެހާ ގިނަ ޓޫރިސްޓުންނެއް އަދި ނާދެވެ. ނަމަވެސް ރެދަންލި ޚަބަރާ އެކު، ހުޅުމާލެއަށް ޓޫރިސްޓުން އައުން އިތުރުވާނެކަން ޔަގީނެވެއެވެ.

ހުޅުމާލެ ގޮނޑުދޮށުގައި ރެދަންލާފައި: ރެދަންލާފައިވާ މަންޒަރު ފެންނަނީ ވަރަށް މަދު ރަށްތަކަކުން-- ފޮޓޯ/ ހަތާވީސް

ހުޅުމާލޭގައި ގޮނޑުދޮށުގައި ރެދަންލާފައިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް މިރެއަކީ އެހެން ރޭތަކާ ހިލާފަށް، ވަރަށް "ގަދަޔަށް" ރެދަންލި ރެއެކެވެ. ރެދަން އަކީ ލޮލަށް ނުފެންނަ ވަރުގެ ކުދިކުދި ސޫފިތަކެކެވެ. ރެދަން ލަނީ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސްގެ ސަބަބުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.