"ދިވެހިންނަކީ ނަލަ ބައެއް، އެކަން ދެމެހެއްޓޭނީ އުކާލުން ހުއްޓާލައިގެން"

"ސާފު ހުޅުމާލެ" ޕްރޮގްރާމުގައި ނާއިބު ރައީސް ފައިސަލް ބައިވެރިވެވަޑައިގަންނަވަނީ --

ދިވެހިންނަކީ ނަލަ ބައެއް ކަމަށާއި އެހެންނަމަވެސް އެކަން ދެމެހެއްޓޭނީ މަގު މައްޗަށް ކުނި އުކުން ހުއްޓާލައިގެން ކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

"ސާފު ހުޅުމާލެ" ޕްރޮގްރާމު އިފްތިތާހު ކޮށްދެއްވާ ވާހަކަދައްކަވަމުން ނާއިބު ރައީސް ފައިސަލް ވިދާޅުވީ ސާފު ކުރުމާއި ކުނި އުކުން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެ ވާހަކަދެކެވުނު ނަމަވެސް، އެކަމަކީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ. އެކަން ހުއްޓުވޭނީ އެއީ ކުރަންޖެހޭ ކަމެއްކަން ދެކިގެން އެކަމަށް އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

"ނަލަ ސިފަތަކެއް އެކުލެވޭ ބައެއް ދިވެހިންނަކީ، އެހެންވީމަ ތަރައްގީވަމުން އަންނަ ސިޓީތަކާއި ތަރައްގީވަމުން އަންނަ ރަށްތަކުން މި ސިފަތައް ދަހަމަހައްޓަން ޖެހޭ" ނާއިބު ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސް ފައިސަލް ވިދާޅުވީ ސިޓީއެއް ރީތި ވަނީ ބިލްޑިންތަކެއް ރީތި މަގުތަކެއް ހެދިގެން ނޫން ކަމަށެވެ. ސިޓީތައް ރީތި ވާނީ އެތަންތަނުގެ މަގުތަކަށް ކުނި އެޅުން ފަދަ ކަންކަން ހުއްޓުވިގެން ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

މިއީ ވަކި މީހަކަށް ނުވަތަ ވަކި ބައެއްގެ ޒިންމާއެއް ނޫން ކަމަށާއި އެކަން ކުރެވޭނީ އެމީހެއްގެ ޒިންމާ އަދާ ކޮށްގެން ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

"ސާފު ހުޅުމާލެ" މި ޕްރޮގްރާމުގައި އެޗްޑީސީގެ މުއައްޒަފުންގެ އިތުރުން ހުޅުމާލޭގައި ހަރަކާތްތެރިވަމުންދާ ސަރުކާރުގެ މުއައްސަސާތަކާއި، ޖަމިއްޔާތަކާއި އަދި ކުންފުނިތަކުން ވެސް ވަނީ ބައިވެރިވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.