މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރަނީ

މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތް ދެމުން ގެންދާ ބަހެއް ބަސް ޓާމިނަލް ކައިރީގައި --

މާލެ ސަރަހައްދުގެ ދަތުރު ފަތުރުގެ ހިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލު ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

އެކަން ހާމަ ކުރެއްވީ އެމްޓީސީސީ އަށް 40 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ މާލެ ހުޅުލެ އަދި ހުޅުމާލޭގައި މިހާރު ބަހުގެ ހިދުމަތް ދެމުން އަންނަނީ، އެމްޕީއެލް އާއި އެމްޓީސީސީ އިން ކަމަށެވެ. މީގެ ތެރެއިން އެމްޓީސީސީ އަކީ ދަތުރުފަތުރުގެ ހިދުމަތަށް ހާއްސަ ކުންފުންޏަކަށްވާއިރު، ސަރުކާރުގެ ވިސްނުމަކީ، މާލެ ސަރަހައްދުގެ ބަހުގެ ހިދުމަތްވެސް، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އެކަމާ ބެހޭ ގޮތުން މިހާރު ކުރިއަށްދާ މަޝްވަރާތައް ނިމި، މިފެށޭ އަހަރުގެ ކުރީކޮޅު، މާތްﷲ ގެ އިރާދަފުޅާއެކު، އެމްޓީސީސީން އެމަސައްކަތާ ހަވާލުވެ، އިތުބާރު ހުރި ރަނގަޅު ހިދުމަތްތަކެއް ދޭން ފަށާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރޭގެ ވާހަކަފުޅުގައި ރައީސް ވަނީ ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަޝްރޫއު އެއް އަންނަ އަހަރު ފެށުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ.

ރައީސް ސޯލިހު ވިދާޅުވީ ކޮވިޑްގެ ސަބަބުން މާލެ ފުރަބަންދުކުރަން ޖެހުމުން، އަތޮޅުތަކުގެ ސިއްހީ ހިދުމަތާއި ދަތުރުފަތުރުގެ ނިޒާމު، ތަރައްގީ ކުރުން އެތައް ގުނައެއް ހަލުވި ކުރަން ޖެހިފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގައި މިހާރުވެސް އެންމެ ގޮންޖެހުން ބޮޑު އަސާސީ ހިދުމަތަކީ ދަތުރުފަތުރުގެ ހިދުމަތް. އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން ގަސްދުކުރާ އެންމެ މުހިންމު އެއް މަޝްރޫއަކީ، ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް. އެކަން ކުރާނެ ގޮތުގެ ޕްލޭންތައް، ޕްލޭނިން މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ އެކުލަވާލާފައި،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުމަކީ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްގެން ކުރިޔަށް ގެންދިއުން ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ހިދުމަތަށްވެސް ހެޔޮ ބަދަލުތަކެއް އަންނަންޖެހޭކަން ފާހަގަކުރެއްވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.