ޝަހީބަށް 75 އަހަރުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ދައުވާތަކެއް ކޮށްފި

ޝަހީބް އިބްރާހީމް ---

މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އިދިކޮޅު ޕީއެންސީގެ ކައުންސިލް މެންބަރު ޝަހީބް އިބްރާހިމް (ކާފާ)ގެ މައްޗަށް ދައުލަތުން ބޮޑެތި ދައުވާތަކެއް އުފުލައިފިއެވެ.

ދައުލަތުން ޝަހީބުގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާ އަށް 75 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. މީގެއިތުރުން ގިނަ އަދަދެއްގެ ފައިސާ އިން ޝަހީބު ޖޫރިމަނާ ކުރެވޭނެއެވެ.

ޝަހީބަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ޑައިމޯފީން ޓްރެފިކް ކުރުމާއި މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގެ ދައުވާ ހިމެނެއެވެ. މީގެތެރެއިން ޑައިމޯފިން އެތެރެ ކުރުމުން 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާ ނުވަތަ 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ 25 އަހަރު ދުވަހަށް ޖަލަށް ލެވޭނެއެވެ. އަދި 100،000 ރުފިޔާއާ 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކިން ޖޫރުމަނާ ކުރެވޭނެއެވެ.

ޝަހީބު ހައްޔަރުކުރީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން މިދިޔަ އޮކްޓޫބަރު މަހުގެ 12ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

މީގެކުރިން ފުލުހުން ބުނީ އޭނާ ދޫކޮށްލަން ކޯޓުން އަމުރު ކުރީ އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން، ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިދިޔަ އޮކްޓޫބަރު މަހުގެ 28ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ.

މީގެކުރިން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލަން އަމުރުކުރިއެވެ. ނަމަވެސް ދައުލަތުން އެ މައްސަލަ ހައިކޯޓުގައި ތާއީދު ކުރުމުން ކްރިމިނަލް ކޯޓުގެ އަމުރު ބާޓިލްކުރީއެވެ. އެ މައްސަލަ ޝަހީބުގެ ފަރާތުން ސުޕްރީމް ކޯޓުގައި ޝަހީބުގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައިކޯޓުގެ ނިންމުމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދު ކޮށްފައެވެ.

ޝަހީބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުވެސް ފުރި މީހެކެވެ. އޭނާ އަކީ އިދިކޮޅު ކޯލިޝަން ޕީއެންސީގެ ކައުންސިލް މެންބަރަކަށްވާއިރު މަސްތުވާތަކެތީގެ މި މައްސަލަ އާއި ގުޅިގެން ޝަހީބު ވަނީ އެ މަގާމުން ސަސްޕެންޑުކޮށްފައެވެ.

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށްފައިވާއިރު، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ.

ޝަހީބް އަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެކެވެ.

އަދި މަސްތުވާތަކެތި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައި ވަނީ ޝަހީބް އިބްރާހިމް ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހިމްއާއި އީރާން 7 މީހުން ކްރިމިނަލް ކޯޓުން ވަނީ ބަންދުން ދޫކޮށްލާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.