ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަޝްރޫއު އެއް އަންނަ އަހަރު ފެށުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފިއެވެ.
ސަރުކާރުގެ ކުންފުނި އެމްޓީސީސީ އަށް 40 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮވިޑްގެ ސަބަބުން މާލެ ފުރަބަންދުކުރަން ޖެހުމުން، އަތޮޅުތަކުގެ ސިއްހީ ހިދުމަތާއި ދަތުރުފަތުރުގެ ނިޒާމު، ތަރައްގީ ކުރުން އެތައް ގުނައެއް ހަލުވި ކުރަން ޖެހިފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރުވެސް އެންމެ ގޮންޖެހުން ބޮޑު އަސާސީ ހިދުމަތަކީ ދަތުރުފަތުރުގެ ހިދުމަތް. އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން ގަސްދުކުރާ އެންމެ މުހިންމު އެއް މަޝްރޫއަކީ، ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް. އެކަން ކުރާނެ ގޮތުގެ ޕްލޭންތައް، ޕްލޭނިން މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ އެކުލަވާލާފައި،” ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުމަކީ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްގެން ކުރިޔަށް ގެންދިއުން ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ހިދުމަތަށްވެސް ހެޔޮ ބަދަލުތަކެއް އަންނަންޖެހޭކަން ފާހަގަކުރެއްވިއެވެ.
“މާލެ ހުޅުލެ އަދި ހުޅުމާލޭގައި މިހާރު ބަހުގެ ހިދުމަތް ދެމުން މިއަންނަނީ، އެމްޕީއެލް އާއި އެމްޓީސީސީން. މީގެ ތެރެއިން އެމްޓީސީސީ އަކީ ދަތުރުފަތުރުގެ ހިދުމަތަށް ހާއްސަ ކުންފުންޏަކަށްވާއިރު، ސަރުކާރުގެ ވިސްނުމަކީ، މިސަރަހައްދުގެ ބަހުގެ ހިދުމަތްވެސް، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުން. އެކަމާ ބެހޭ ގޮތުން މިހާރު ކުރިއަށްދާ މަޝްވަރާތައް ނިމި، މިފެށޭ އަހަރުގެ ކުރީކޮޅު، މާތްﷲ ގެ އިރާދަފުޅާއެކު، އެމްޓީސީސީން އެމަސައްކަތާ ހަވާލުވެ، އިތުބާރު ހުރި ރަނގަޅު ހިދުމަތްތަކެއް ދޭން ފަށާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން” ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ އެމްޓީސީސީ އަށް 40 އަހަރުގެ ތާރީހާ ގުޅުވައިގެން ތައްޔާރުކުރި، ހާއްސަ ފޮތެއް ވެސް ނެރެދެއްވާފައެވެ.