ނަޝީދު އެދިލެއްވީ އިންތިހާބުން ބަލިވަންދެން ކުރީގެ މިނިސްޓަރު މުއިއްޒު ބަންދު ނުކުރުމަށް

އެމްޑީޕީގެ ރައީސް އަދި ޕީޕީއެމްގެ ނާއިބު ރައީސް ޑރ. މުއިއްޒު ---

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމަށް ވާދަ ކުރަން އިއުލާން ކުރައްވާފައިވާ އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ބަންދު ނުކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިލައްވައިފިއެވެ.

މުއިއްޒު ވަނީ މީގެ ދެފަހަރެއްގެ މަތިން ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރައްވާފައެވެ. އެމަނިކުފާނު ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރެއްވީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އަށް ބަދަލުދޭން ޖެހުނު މައްސަލައާ ގުޅޭ ތަހުގީގަށެވެ. އެ މައްސަލާގައި މުއިއްޒުގެ މައްޗަށް ދައުވާ ވެސް ވަނީ ކޮށްފައެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ ދޮގު ބަޔާން ދިނުމުގެ ދައުވާ ކޮށްފައެވެ.

އެކަމާއި ގުޅިގެން މީގެކުރިން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ވަނީ މުއިއްޒު ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރައްވަނީ ލޯކަލް ކައުންސިލް އިންތިހާބު ގަޑުބަޑު ކުރުމަށް ކަމަށެވެ. އަދި މާލޭގެ މޭޔަރުކަން މުއިއްޒު އަށް ލިބި ދާނެތީ އެކަމާއި ބިރުން ކަމަށްވެސް ބުންޏެވެ.

އެމްޑީޕީގެ ހަރުގޭގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އިންތިހާބު ބާއްވަން ޖެހޭނީ އިދިކޮޅު ފަރާތްތަކުގެ ވެސް ބައިވެރިވުން އޮވެގެން ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަން ބަންދުކޮށްގެން އިންތިހާބު ބޭއްވުމަކީ އެމަނިކުފާނު އެދިލައްވާ ގޮތް ނޫން ކަމަށް ވިދާޅުވިއެވެ.

އެގޮތުން މާލޭގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ކައުންސިލް އިންތިހާބުން ބަލިވަންދެން ބަންދު ނުކުރުމަކީ އެމަނިކުފާނު އެދިލައްވާ ގޮތް ކަމަށާއި ހައެއްކަ ވޯޓު ދިނުމަށްފަހު މާލެ އިން ބަލި ކޮށްލުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އޭނާގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައި ވަނީ، އާބިޓްރޭޝަންގައި އެކަން ހިނގައިދިޔަ ގޮތާ ގުޅިގެން، މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައިދިނުމަށް އެޓަރނީ ޖެނަރަލް އިބްރާހިމް ރިފްއަތު ފުލުހުންނަށް ހުށަހަޅުއްވާފައިވަނިކޮށެވެ. ފުލުހުންނަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ނޫމަޑި މައްސަލައިގައި މުއިއްޒު އަމަލުކުރައްވާފައިވާ ގޮތާއި އާބިޓްރޭޝަނަށް ދެއްވާފައިވާ ބަޔާނަށް ރިއާޔަތްކޮށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމާއި ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގެންވާ ސިއްރު މައުލޫމާތެއްގެ ނަހަމަ ބޭނުންކޮށްފައިވާ ކަމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާކަން ނުވަތަ ނޫންކަން ތަހުގީގުކޮށް ދިނުމަށެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުނުފަހުން، ނޫމަޑީގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުއިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ވަނީ ބަޔާން ދެއްވާފައެވެ. ނަމަވެސް ވަޒީރުކަމުގައި އޭނާ ހުންނެވިއިރު އެ މައްސަލައިގައި އޭނާ ވަނީ ދައުލަތް ދިފާއު ކުރައްވާފައިވާފައެވެ.

އެގޮތުން ނޫމަޑީގެ މައްސަލަ 11 ޑިސެމްބަރު 2017 ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލައިގައި ކުރިއަށްދާނެ ގޮތާއި، ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާފައި ވަނީ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ޑރ. މުއިއްޒުގެ ބައިވެރިވުމާއެކުގައި ކަމަށް އެޓަރނީ ޖެނަރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

ވަޒީރުކަމުގެ މަގާމުން ވަކިވެވަޑައިގަންނަވަންދެން އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މުއިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ނަމަވެސް 17 ނޮވެމްބަރު 2018 ގައި މިނިސްޓަރުކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށްފަހު 14 ޖޫން 2019 ގައި ނޫމަޑީގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާ ހެއްކެއްގެ ގޮތުގައި މުއިއްޒު ދެއްވި ބަޔާނުގައި ކުރިން އަމަލުކުރެއްވި ގޮތާ ދިމާ އިދިކޮޅަށް ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާ ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

އެގޮތުން ނޫމަޑި ފޭސް 1 އެއްބަސްވުން ބާތިލުކޮށްފައި ވަނީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭނުންވާތީ ކަމަށް ވިދާޅުވެ، އާބިޓްރޭޝަނަށް ބަޔާން ދެއްވުމަށްފަހު، އަލުން ބަޔާން ބަދަލުކުރައްވާފައިވާކަން ފާހަގަކުރެވޭ ކަމަށް ބުނެފައިވެއެވެ.

ނޫމަޑި މައްސަލާގައި ދައުލަތާ ދެކޮޅަށް އެ މައްސަލަ ނިމިގެން ދިއުމުން، 800 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދޭންޖެހުނުއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.