މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލުގައި ހުންނެވުމަކީ އެއްގޮތަކަށްވެސް އެދޭ ގޮތެއް ނޫން ކަމަށް ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަރުގޭގައި މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ނަޝީދު ވަނީ ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރި ދުވަހު އެކަމާ ހިތާމަ ކުރެއްވި ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރެއްވި ދުވަހު ވީ ދެރައިން އެކަމާ ކީރިތި ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޔާމީން ހައްޔަރުކޮށް އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލާ ޖަލަށް ލުމަށް ހުކުމް ކުރެއްވީ އެކަމުގެ އަޑީގައި ރައީސް ނަޝީދު ހުންނަވައިގެން ކަމަށް ގިނަ ފަރާތްތަކުން އޭރު ދިޔައީ ބުނަމުންނެވެ. އަދި ބައެއް މީޑިއާތަކުގައި އެފަދައިން އެވާހަކަ ރިޕޯޓުވެސް ކުރިއެވެ. ބައެއް ފަރާތްތަކުން ދެކުނު ގޮތުގައި ރައީސް ޔާމީން ހައްޔަރުކުރީ އަދި ޖަލަށްވެސް ލީ ރައީސް ނަޝީދު ހައްޔަރުކޮށް ޖަލަށް ލުމުން އެކަމުގެ ބަދަލު ހިފުމެއްގެ ގޮތުގައެވެ.
ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ އެކަން ހިނގައި ދިޔައީ ބައެއް ފަރާތްތަކުންނާއި ނޫސްތަކުގައި ރިޕޯޓު ކުރި ގޮތަކަށް ނޫން ކަމަށެވެ. އަދި އެގޮތަށް ބައެއް ނޫސްތަކުގައި ރިޕޯޓު ކުރުމުން ލަދުވެތިވި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
“ތިބޭފުޅުން ފަހަރުގައި ފާހަގަވެފައި އޮވެދާނެ އަޅުގަނޑު ޖަލަށް ލާފައި ހަވާއެރުވުމާއި، ލަނގިރިޖެހުމާ، ލަވަކިއުމާ، މާބެހުމާ މިހުރިހާ ކަމެއް ކުރި. އެހެން ނަމަވެސް އަޅުގަނޑު، ރައީސް ޔާމީން ޖަލަށް ލީ ދުވަހު ވީދެރައިން، އަޅުގަނޑަށް ރޮވުނު. އަޅުގަނޑު އެދޭގޮތެއް ނޫން އެއީ” ނަޝީދު ވިދާޅުވިއެވެ.
ދާދިފަހުން ވެސް ވެރިކަން ކުރާ ފަރާތްތައް ހައްޔަރުކޮށް ޖަލަށްލުމުގެ ސަގާފަތް ދޫކޮށްލަން ޖެހޭ ކަމަށް ވިދާޅުވި ރައީސް ނަޝީދު މިއަދުގެ ބައްދަލުވުމުގައި އެވާހަކަ އަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ވެރިން ހައްޔަރު ކުރުމުގެ ސަގާފަތް ނިމުމަކަށް ގެނައުމަށް އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު މަސައްކަތް ކުރެއްވި ކަމަށާއި އެމަގުން ރައީސް ޔާމީން ހިންގެވި ނަމަ މިއަދު ފެންނަމުންދާ މަންޒަރުތައް ފެނިވަޑައިނުގަތީސް ކަމަށް ނަޝީދު ވިދާޅުވިއެވެ.