އިންސާފުގެ ވައުދުގައި ހިމެނޭ ގިނަ ގާނޫނު ފާސްވެ ނިމިއްޖެ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު --

ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ “އެޖެންޑާ19” ގައި ހިމެނޭ އިންސާފުގެ ވައުދުގައި ހިމެނޭ ގިނަ ގާނޫނު ފާސްވެ ނިމިފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ފާސްކުރި އިންތިގާލީ އިންސާފުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގު ކުރެއްވުމާއި ގުޅިގެން އެކަމަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިންތިގާލީ އިންސާފުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއެކު އެމްޑީޕީގެ އެޖެންޑާ19 ގެ އިންސާފުގެ ވައުދުގައި ހިމެނޭ ގިނަ ގާނޫނު ފާސްވެ ނިމުނީ ކަމަށެވެ. ރައީސް ނަޝީދު ވަނީ މަޖިލީހުގެ އެންމެހާ މެންބަރުންނާއި އަދި ބަންޑާރަ ނާއިބާއި މަޖިލީހުގެ މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

އެޖެންޑާ19ގެ އިންސާފުގެ ވައުދުގައި ހިމެނޭ ގާނޫނުތައް:

– އިންތިގާލީ އިންސާފު ގާއިމްކުރުން

– ޝަރުއީ ދާއިރާގެ އޮނިގަނޑު އިސްލާހު ކުރުން

– ޕަބްލިކް ޑިފެންޑާސް އޮފީސް ގާއިމްކުރުން

– ޖަވާބުދާރީ ކުރުވަނީ ދައުލަތެއް ބިނާކުރުން

ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އަދި 19ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމުގެ ގޮތުން ބޭއްވި ކެމްޕެއިންގެ ތެރޭގައި ވެސް އެމްޑީޕީ އިން އެންމެ ބޮޑަށް ވަކާލާތު ކުރީ ރައްޔިތުންނަށް އިންސާފު ގާއިމް ކޮށްދޭނެ ކަމަށެވެ. އަދި މީގެކުރިން ރައްޔިތުންނަށް ގެއްލިގެން ދިޔަ ހައްގުތައް ހޯދައި ދޭނެ ކަމަށް އެމްޑީޕީ އިން ދިޔައީ ވަކާލާތު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.