ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދާ މީހަކީ އީމާންކަން ބަލިކަށި މީހެއް ނޫން: ހުތުބާ

އިސްލާމީ މަރުކަރު-- ފޮޓޯ / މިހާރު

ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދާ މީހަކީ އީމާންކަން ބަލިކަށި މީހެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

“އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލައިނުލާށެވެ” މި މައުޟޫގެ ދަށުން އިއްވި ހުކުރު ހުތުބާގައި ބުނެފައި ވަނީ އިންސާނީ ހެއްދެވި އިރުން ފެށިގެން މާތްﷲ އެ އިންސާނާ މަތިވެރި ކުރައްވާފައިވާ ކަމަށެވެ. އިންސާނާ ހަލްގު ކުރެއްވުމާއެކު މަލާއިކަތުންނަށް އެ އިންސާނާ އަށް ސަޖިދަ ކުރެއްވުމަށް އެންގެވި ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ އިންސާނާ މާތް ކުރައްވާފައި ވާތީ އެއްވެސް އިންސާނެއްގެ މޫނުގައި ޖެހުން އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަމަށެވެ. އަދި ހައްގަކާއި ނުލާ އެއްވެސް މީހަކަށް އުނދަގޫ ކުރުން ވެސް މަނާ ކުރައްވާފައިވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ހުތުބާގައި ވަނީ މިފަހަކަށް އައިސް އިންސާނުންގެ ތެރޭގައި އަމިއްލަ އަށް މަރުވުން ކަންބޮޑުވާ ދަރަޖަ އަށް އިތުރުވެފައިވާ ކަމަށް ބުނެ އެކަމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށް ބުނެފައެވެ.

އެފަދަ މަރުގެ ނުބައިކަން އުއްމަތަށް ހާމަ ކޮށްދެއްވުމުގެ ގޮތުން ރަސޫލާ މުހައްމަދު ސއވ ކަންތައް ކުރެއްވި ގޮތް ބަޔާންކޮށް ހުތުބާގައި ބުނެފައި ވަނީ ތޫނު އެއްޗަކުން އަމިއްލަ ނަފްސަށް ގެއްލުންދީ އަމިއްލަ އަށް މަރުވި މީހަކު ރަސޫލާގެ އަރިހަށް ގެނެވުނު ކަމަށާއި ނަމަވެސް އެމީހާގެ މައްޗަށް އެކަލޭގެފާނު ކަށުނަމާދު ނުކުރައްވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ރަސޫލާ އެފަދައިން އަމަލު ކުރެއްވީ އެ އަމަލުގެ ނުބައިކަން އުއްމަތަށް ހާމަ ކޮށްދެއްވުމަށް ކަމަށް ތަކުރާރުކޮށް ވިދާޅުވެ ހުތުބާގައި ބުނީ މުސްލިމުންގެ ތެރެއިން ބައެއް މީހުން އަމިއްލަ އަށް މަރުވާ މީހުންގެ މައްޗަށް ކަށުނަމާދު ކުރަން ޖެހޭނެ ކަމަށެވެ.

އަމިއްލަ އަށް މީހުން މަރުވާ ސަބަބުތަކުގެ ތެރެއިން އެއް ކަމަކީ ނަފްސާނީ ބަލި ކަމަށާއި އަނެއް ސަބަބަކީ ފިލްމުތަކާއި ކާޓޫންތައް ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ. އެތަކެތީގައި ދައްކުވައިދޭ މަންޒަރުތަކުން އެކަން [އަމިއްލަ އަށް މަރުވުމަށް] ޝައުގުވެރިވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އިސްލާމީ ރިވެތި އުސޫލުން ބޭރުން ޖިހާދުގެ ނަމުގައި ޖާނުން ފިދާވުމަކީ ސުވަރުގެ ވަދެވެން އޮތް ހަމައެކަނި މަގު ކަމަށް ބުނެ އެކަން އެގޮތަށް ވިސްނައި ދިނުމަށް ބަޔަކު މަސައްކަތް ކުރާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހަގީގަތުގައި އަމިއްލަ އަށް މަރުވުމުގެ ސަބަބަކީ ﷲގެ ނިހާޔަށް ނުރުހުމާއި ﷲ އިންސާނާ އިމްތިހާނު ކުރެއްވުމަށް ޖައްސަވާ މުސީބާތްތަކަށް ކެތް ނުކުރެވުން ކަމަށް ވެސް ހުތުބާގައިވެއެވެ.

ނަފްސާނީ ބައްޔަކީ އެހެން ބަލިތަކެކޭ އެއްގޮތަށް ފަރުވާ ހޯދައި ދޭންޖެހޭ ބައްޔެއް ކަމަށާއި ނަފްސާނީ ބައްޔަކީ އެއްވެސް ހާލެއްގައި މީހާ މޮޔަވުމެއް ނޫން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި އެކަމަކީ މީހާގެ ދީންވެރިކަމާއި ވެސް ގުޅުންހުރި ކަމެއް ނޫން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ﷲ އަށް ކިޔަމަންވާ ދީންވެރި މީހާ އަށްވެސް ނަފްސާނީ ބަލި ޖެހިދާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ވަނީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދުމަށް ފަސް ނުޖެހުމަށް ގޮވާލައިފައެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުން ފަދަ ކަމަކަށް ވާސިލުވުމުގެ ކުރިން އެ ބައްޔަށް ފަރުވާ ހޯދުމަށް ގޮވާލިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.