ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހިންގެ އަގުވަޒަން ކުރުމުގެ ގޮތުން އަންނަ އަހަރު ވެބް ޕޯޓަލް އެއް ގާއިމް ކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަ ކުރެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ އެ ވެބް ޕޯޓަލް އަންނަ އަހަރު ގާއިމް ކުރައްވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ ޕޯޓަލް ގާއިމް ކުރާނީ ސްޓާފް އޮފް ދަ އިޔާގެ ނަމުގައި ކަމަށެވެ. އަދި ވިދާޅުވީ އެ ޕޯޓަލް ގާއިމް ކުރަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ ތެރެއިން މަސައްކަތުގައި ފާހަގަކުރެވޭ ދާއިރާގެ ޕްރޮފެޝަނަލް މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހުރިހާ ދާއިރާއެއްގައި ވެސް މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެންމެ ރަނގަޅު ޕްރޮފެޝަނަލް މަސައްކަތްތެރިންގެ އަގު ވަޒަން ކުރައްވާނެ ކަމަށެވެ.
Insha Allah, In 2021 we will initiate a #StarsOfTourism web platform to recognize and reward high performing dedicated Maldivian star professionals in the major catogeries of tourism sector employment. #Maldives #Tourism#TogetherWeCan#StarsOfTourism
https://t.co/5nu0BnEpZR— Abdulla Mausoom (@Mausoom_Maus) December 18, 2020
ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ އަދަދެއްގެ ދިވެހިން މަސައްކަތް ކުރަމުން އަންނައިރު ބިދޭސީ މަސައްކަތްތެރިންނާއި ދިވެހިންނާއި ތަފާތު ކުރުންތައް ގެންގުޅޭ ކަމުގެ ޝަކުވާތަކަކީ އެ މުވައްޒަފުން ވަރަށް ބޮޑަށް ކުރަމުން އަންނަ ޝަކުވާއެކެވެ. ވަކިން ހާއްސަކޮށް މުސާރައިގެ ފަރަގަކީ އެ މުވައްޒަފުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ.