މާލޭގެ ކެފޭއެއްގައި އަލިފާން ރޯވެ މީހަކު ފިހިއްޖެއެވެ.
މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ، ގަލޮޅުގައި ހުންނަ ސަލްމާން ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިގެން އެމްއެންޑީއެފްގެ ފަޔާ ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 11:15 ހާއިރު ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ އެ ކެފޭގެ ބަދިގޭގައި ހުރި ގޭސް ފުޅި މަތީގައި އޮތް ތުވާއްޔެއްގައި ކަމަށާއި، އަލިފާނުގެ އަސަރުން ގޭސްފުޅީގެ ހޮޅި އަނދާފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ ފަޔާ ޓީމުން އެ ސައިޓަށް ދިއުމުގެ ކުރިން މި އަލިފާނުގެ ހާދިސާގައި ފިހުނު މީހަކުވަނީ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ގެންގޮސްފައި ކަމަށެވެ. އަދި މި އަލިފާނުގެ ހާދިސާގައި ފިހިފައިވަނީ ބިދޭސީއެއް ކަމަށާއި، އޭނާ ފަރުވާ ހޯދުމަށް އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށާއި، މި މައްސަލަ ފުލުހުން އިތުރަށް ބަލަމުންދާ ކަމަށެވެ.