އިންޓަނޭޝަނަލް ޑޮކްޔާޑެއް އެމްޓީސީސީން ހަދަން ނިންމައިފި

އިންޓަނޭޝަލެއް ޑޮކްޔާޑެއް: ދެ އަހަރު ދުވަހުގެ ތެރޭގައި ތަރައްގީކޮށް ނިމޭނެ ކަމަށް އެމްޓިސީސީން ބުނޭ.

އާގު ބޯޓުފަހަރު އެހެލޭވަރުގެ އިންޓަނޭޝަނަލް ޑޮކްޔާޑެއް ހެދުމަށް އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީން ތަރައްގީ ކުރާ އިންޓަނޭޝަނަލް ޑޮކްޔާޑަކީ 5،000 ޓަނުގެ ބޯޓުފަހަރު އެހެލޭވަރުގެ ތަނަކަށްވާނެ ކަމަށެވެ. އިންޓަނޭޝަނަލް ޑޮކްޔާޑުގެ މަސައްކަތްފަށާތާ، ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އާޒިމް ވިދާޅިއެވެ.

“ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި 5،000 ޓަނުގެ ބޯޓުތައް އެރޭވަރުގެ ޑޮކްޔާޑެއް އިރާދަކުރެއްވިއްޔާ އޮންނާނެ. އޮންނަންޖެހޭ،” ރާއްޖެޓީވީގެ “ފަށާއިރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޓީސީސީގެ “މަހާޖައްރާފު” ކުރިއަށް އޮތް ދެ އަހަރެއްގެހާ ދުވަހުގެ ތެރޭގައި ޑޮކްޔާޑަކަށް ގެންދަންޖެހިފައިވާ ކަމަށާއި ބޭރު ގައުމެއްގެ ޑޮކްޔާޑަކަށް ގެންގޮސްފިނަމަ، ދެ މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޭގެ ބަދަލުގައި އެމްޓީސީސީން ޑޮކްޔާޑެއް ތަރައްގީކޮށް، މާޖައްރާފު އެ ޑޮކްޔާޑަށް އަރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރާއްޖެގެ ކުންފުނިތަކުގެ ބޯޓުތައް ރާއްޖެއިން ބޭރަށް ގެންގޮސް، އެތައް މިލިއަން ޑޮލަރެއް ރާއްޖެއިން ބޭރުކޮށްފައިވާ ކަމަށެވެ.

“[ރާއްޖެއިން ބޭރަށް އުޅަނދުތައް] ދާ ކޮންމެ ފަހަރަކު އެތައް މިލިއަން ޑޮލަރެއް ބޭރު ގައުމުތަކަށް އެބަދެން. އެމްއެންޑީއެފްގެ އެއްޗެހިތައް އެބަދޭ. އެސްޓީއޯގެ އެއްޗެހިތައް އެބަދޭ. މިފްކޯގެ އެއްޗެހިތައް އެބަދޭ. އެމްޓީސީސީގެ އެއްޗެހި ދާން އެ ތައްޔާރު ވަނީ. އެހެންވީމަ އަޅުގަނޑުމެންގެ ޑޮކްޔާޑު އަންނަންޖެހޭ. އަންނާނެ އިރާދަކުރެއްވިއްޔާ،” އާޒިމް ވިދާޅުވިއެވެ.

ތިލަފުށީގައި އެމްޓީސީސީން މިހާރު ވެސް އަންނަނީ ބޯޓުޔާޑެއް ހިދުމަތް ދެމުންނެވެ. 200 ޓަނުގެ ބޯޓުތައް އުފުލުމުގެ ގާބިލުކަން ލިބިފައިވާ ބޯޑުޔާޑުގެ އިދާރީ ހިންގުމަށް ދާދިފަހުން އެމްޓީސީން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެތަނަށް އާ އެޗްއޯޑީން އައްޔަންކޮށް، ހިދުމަތް ރަނގަޅު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.