ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް ނިންމާފައިވާ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އިތުރު ކެންޑިޑޭޓުންތަކެއް ނަން އަނބުރާ ގެންގޮސްފިއެވެ.
އެގޮތުން އިތުރު ފަސް ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. ނަން އަނބުރާ ގެންދިޔަ އެމްޑީޕީގެ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ދ. މާއެނބޫދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިއަށް ކުރިމަތިލި ކެންޑިޑޭޓަކާއި މާފަރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީ އަށް ކުރިމަތިލި ކެންޑިޑޭޓަކާއި ލ. ކަލައިދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީ އަށް ކުރިމަތިލި ކެންޑިޑޭޓަކު ހިމެނެއެވެ.
މީގެއިތުރުން ރ. މާކުރަތު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީ އަށް ކުރިމަތިލި ކެންޑިޑޭޓާއި ތ. ދިޔަމިގިލި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީ އަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލި ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
އެމްޑީޕީގެ ކެންޑިޑޭޓުންގެ އިތުރުންވެސް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރި ބައެއް ކެންޑިޑޭޓުންވެސް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އެއީ ހދ. ނޮޅިވަރަންފަރު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ކުރިމަތިލި ކެންޑިޑޭޓާއި އދ. ދަނގެތި ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ކުރިމަތިލި ކެންޑިޑޭޓާއި ނ. ފޮއްދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލި ކެންޑިޑޭޓު ހިމެނެއެވެ. ހަމައެއާއެކު މުލީގެ އަންހެނުން ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރު ކަމަށް ކުރިމަތިލި ކެންޑިޑޭޓަކުވެސް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
މީގެކުރިން އިލެކްޝަންސް ކޮމިޝަނުން ބުނީ ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރޭގައި 114 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެހެންކަމުން މިއަދު ގެޒެޓުކުރި ލިސްޓާއެކު 123 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
މިހާތަނަށް ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނައިން ނަން އަނބުރާ ގެންދިޔައީ ސަރުކާރު ހިންގާ މައިޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ކެންޑިޑޭޓުންނެވެ. އެގޮތުން 31 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވެއެވެ. ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމަށް ނިންމި ކެންޑިޑޭޓުންގެ ތެރެއިން 13 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވެއެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރަން ނިންމި ކެންޑިޑޭޓުންގެ ތެރެއިން ހަތް ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާއިރު އެމްޑީއޭގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރަން ނިންމި އެއް ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވެއެވެ. އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ނިންމި ކެންޑިޑޭޓުންގެ ތެރެއިން 33 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.