1953ވަނަ އަހަރުން ފެށިގެން ލިބުނު އަނިޔާތައް ބެލުމަށް އެކުލަވާލި ބިލު ތަސްދީގުކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުި -- ފޮޓޯ / ރައީސް އޮފީސް

އިންތިގާލީ އިންސާފުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 29ވަނަ ދުވަހުއެވެ. އިންތިގާލީ އިންސާފުގެ ގާނޫނަކީ، 1953ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2018ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހާއި ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އެ ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ގާނޫނެކެވެ.

މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާ ނަމަ، އެ އަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއެކު، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުން ހިމެނެއެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހެއް އުފެދިގެންދާނެއެވެ. އަދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހުސެކެވެ.

މި ގާނޫނުގައި އޮމްބަޑްސްޕާސަންގެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި، އެ ފަރާތުގެ ބާރުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. އަދި ހަމަ އެއާއެކު މި ގާނޫނުގައި އޮމްބަޑްސްޕާސަންގެ އޮފީހުން މަސައްކަތްކުރަން ވާނީ، މިނިވަންކަމާއި މުސްތަގިއްލުކަމާއެކު، ތައައްސުބުން އެއްކިބާވެތިބެ، މި ގާނޫނުގެ މަގްސަދުތައް ހާސިލުވާނެ ގޮތުގެމަތިންކަމުގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.