އަންދާޒާ ކުރި ވަރަށްވުރެ އަވަހަށް ފަސް ލައްކަވަނަ ފަތުރުވެރިޔާގެ އަމާޒަށް ވާސިލުވެވުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ހިކުމަތްތެރި ނިންމެވުންތަކުގެ ސަބަބުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ފަސް ލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ.
މީގެކުރިން ލަފާ ކޮށްފައި ވަނީ ފަސް ލައްކަވަނަ ފަތުރުވެރިޔާ އަންނާނީ މިމަހުގެ 19ވަނަ ދުވަހު ކަމަށެވެ. ނަމަވެސް މިހާރު ދުވާލަކު ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ދުވާލަކު ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރު އުޅެނީ 4،000ގައެވެ.
ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ އަންދާޒާ ކުރި ތާރީހަށްވުރެ ކުރިން ފަސްލައްކަ ފަތުރުވެރިން ރާއްޖެ ގެނެވުނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ރައީސް ސޯލިހުގެ ހިކުމަތްތެރި ނިންމެވުންތަކުގެ ނަތީޖާ ކަމަށެވެ. މިނިސްޓަރު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް މަރުހަބާ ކިޔައި ޝުކުރު ދަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ، މިއަހަރު 5،25،000 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.