ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރާނަން: ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން އެކި ދާއިރާތަކުގައި މަސައްކަތްކުރަމުންދާއިރު، އެފަރާތްތަކުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގައި ވަރަށް ބޮޑު ހިއްސާއެއްވާކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބަންގްލަދޭޝްގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަންގައި ބޭއްވި ރަސްމިއްޔާތަކަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުން މަސައްކަތްކުރަމުންދާނެކަމަށެވެ.

އަދި ރާއްޖެއާއި ބަންގްލަދޭޝްއާއި ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ރާއްޖޭގައި އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި، ސިއްހީ، ދިފާޢީ އަދި ތައުލީމީ ދާއިރާއަށް ބަންގްލަދޭޝްއިން ވަމުންދާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖެއާއި ބަންގްލަދޭޝްއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން ފާހަގަކުރައްވައި، ބަންގްލަދޭޝްގެ ވިއްސާރަ މޫސުމުގައި މި ދަނޑިވަޅުގައި ދިމާވާ ދަތިތައް އަދި އިތުރުވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑް-19ގެ މި ދަތި ދަނޑިވަޅުގައި ބަންގްލަދޭޝްއިން ރާއްޖެއަށް ވެފައިވާ އެހީތެރިކަމަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ބޭހާ ކާބޯތަކެތި ފޯރުކޮށްދިނުމާއި، ބަންގްލަދޭޝްގެ ސިފައިންގެ މެޑިކަލް ޓީމެއް ރާއްޖެއަށް ފޮނުވައިދިނުމާއި، ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ދަރިވަރުން އަނބުރާ ރާއްޖެ ގެނެސްދިނުން ފަދަ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބަންގްލަދޭޝްގެ “ވިކްޓްރީ ޑޭ” ގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ޑރ. އޭ.ކޭ އަބްދުލް މުއުމިން އަށްވެސް މިނިސްޓަރ ޝާހިދު ވަނީ އިއްޔެ މެސެޖެއް ފޮނުއްވާފައެވެ. މި މެސެޖްގައި ބަންގްލަދޭޝްގެ މިނިވަންކަމަށް ޝެއިޚް މުޖީބުއްރަޙްމާން ފެއްޓެވި މަސައްކަތުގައި އެތައް ހާސް ބަޔަކު ފުރާނައިން ޤުރުބާންވިކަން ފާހަގަކުރައްވައި، އެފަރާތްތަކުގެ ހަނދާންތައް މިނިސްޓަރ ޝާހިދު އާކުރެއްވިއެވެ. އަދި ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.