ފަސް ލައްކަވަނަ ފަތުރުވެރިޔާ އަތުވެއްޖެ

ރާއްޖެ އަށް ޒިޔާރަތްކުރި ފަސް ލައްކަވަނަ ފަތުރުވެރިޔާ: ފޮޓޯ / ޕީއެސްއެމް ނިއުސް

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ފަސް ލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރާއްޖެ އަށް ޒިޔާރަތްކުރި ފަސް ލައްކަވަނަ ފަތުރުވެރިޔާ އަކީ ޖަރުމަނުވިލާތުގެ ފަތުރުވެރިއެކެވެ. އެމިރޭޓްސްގެ ފްލައިޓެއްގައި އޭނާ މިއަދު ރާއްޖެ އަށް އައީ ހެނދުނު 11:05 ހާއިރުއެވެ.

އެމްއެމްޕީއާރްސީ އިން ވަނީ ފަސް ލައްކަވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ގިނަ ހަރަކާތްތަކެއް ވަނީ ބާއްވާފައެވެ. އެމްއެމްޕީއާރްސީގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަން އަދި އެމްއޭސީއެލް އިން ވެސް ވަނީ ފަސް ލައްކަވަނަ ފަތުރުވެރިޔާ އަށް ގިނަ ހަދިޔާތަކެއް ވެސް ދީފައެވެ.

މީގެކުރިން ލަފާ ކޮށްފައި ވަނީ ފަސް ލައްކަވަނަ ފަތުރުވެރިޔާ އަންނާނީ މިމަހުގެ 19ވަނަ ދުވަހު ކަމަށެވެ. ނަމަވެސް މިހާރު ދުވާލަކު ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ދުވާލަކު ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރު އުޅެނީ 4،000ގައެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ، މިއަހަރު 5،25،000 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.