އިގްތިސޯދީ ކުރިއެރުން ހާސިލުކުރެވޭނީ ކަނޑުތަކާއި ރަހުމަތްތެރި އާދަތަކުގެ ތެރެއިން: ރައީސް

ރައީސް އިބްރާހީމް ސޯލިހު"ނޫ ރާއްޖެ" ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވާ ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ދިވެހިންނަށް އިގްތިސޯދީ ގޮތުން ކުރިއެރުންތައް ހާސިލު ކުރެވޭނީ، އަދި ކުރަންވާނީ ވެސް، ކަނޑުތަކާ ރަހުމަތްތެރި އާދަތަކެއްގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާ ގުޅިގެން "ނޫ ރާއްޖެ" ޕްރޮގްރާމު އިފްތިތާހު ކޮށްދެއްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ ކަމަކާއި، ގައުމުގެ އިގްތިސޯދާއި ކަނޑުފަޅުތަކާ އޮތް ގުޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާއެކު އެއްބަސްވުމެއް އެކުލަވައިލައި، މަސައްކަތް ކުރައްވަން ނިންމެވީ، ދިވެހިން މި ކަނޑުފަޅުތަކަށް ބަރޯސާވާ މިންވަރު ބޮޑުކަމުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއަކީ ނޫ އިގްތިސޯދު ކުރިއަރުވާ، ކަނޑުތަކުގެ ރައްކާތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޖަމިއްޔާތަކެއްގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަގުވާމީ ވިއުގައެއްކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ދިވެހިންނަށް އިގްތިސޯދީ ގޮތުން ކުރެއެރުންތައް ހާސިލު ކުރެވޭނީ، އަދި ކުރަން ވާނީ ވެސް، ކަނޑުތަކާ ރަހުމަތްތެރި އާދަތަކެއްގެ ތެރެއިން ކަމުގައެވެ. އަދި، އަޅުގަނޑުމެންގެ ކަނޑުފަޅުތަކުގެ ދިރުންތައް ހިމާޔަތް ކުރުމަށް އަޅުގަނޑުމެން ނުކުޅެދިއްޖެ ހާލަތެއްގައި، އަޅުގަނޑުމެންގެ ސިއްހަތާއި، ދިރިއުޅުމާއި، އިގްތިސޯދު ވެސް ސަލާމަތް ކުރުމުގެ ފުރުސަތު ގެއްލިދާނެ ކަމަށެވެ.

މީގެ އިތުރުން، ނޫ އިގްތިސޯދެއް ބިނާކޮށް، ތިމާވެއްޓާ ރަހުމަތްތެރި އަދި ދެމެހެއްޓެނިވި ގޮތްތަކެއްގެ މަތިން ތަރައްގީ އާއި ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. ކަނޑުތަކާއި ފަޅުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އ.ދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.