ކުޑަކުދިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު އެއް ސިޔާސަތު: ރައީސް

ޔުނިސެފްގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޑޮކްޓަރ އެމް. މުނީރު އޭ. ސަފިލްޑިން، ރައީސް ސޯލިހާއި ބައްދަލުކުރައްވަނީ: ފޮޓޯ / ރައީސް އޮފީސް

ކުޑަކުދިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ އދގެ ކުޑަކުދިންގެ ފަންޑް (ޔުނިސެފް)ގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޑޮކްޓަރު އެމް މުނީރު އޭ ސަފިލްޑިންއާ މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ފާއިތުވި ދެ އަހަރުގެ ތެރޭގައި ދިވެހި ސަރުކާރާއި ޔުނިސެފް ގުޅިގެން ކޮށްފައިވާ އެކި މަސައްކަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ސޯލިހު ވަނީ ކޮވިޑް19 ގެ ބަލިމަޑުކަމާއެކު ކުރިމަތިވި ފުރަބަންދުގެ ހާލަތުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް، އެ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ޔުނިސެފްއިން ކުރި އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާ، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި، ޑޮކްޓަރު މުނީރު ސަފިލްޑިންގެ އިސްނެންގެވުމުގެ މަތިން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އެ ކުދިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތު ކަމަށެވެ.

އެ މަނިކުފާނު ވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އެ ކުދިންނަށް ހޯދައިދީފައިވާ ހައްގުތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އަދި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ، ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވާ، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރު މުނީރު ސަފިލްޑިން ދެއްކެވި ވާހަކަފުޅުގައި، އެ ޖަމިއްޔާގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވްގެ މަގާމުގައި ރާއްޖޭގައި އަދާކުރެއްވި މަސައްކަތްޕުޅާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރާ ގުޅިގެން، މަދަރުސާތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓައިލުމަށް ކުރި މަސައްކަތް ފާހަގަކުރެއްވިއެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މި ދެ ބިލަކީ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އިންގިލާބީ ބަދަލުތަކެއް ގެނުވައިދިން ދެ ބިލު ކަމަށެވެ.

އަދި، ކޮވިޑް19ގެ ހާލަތާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި އެކަށައަޅާފައިވާ ސިޔާސަތުތަކަށް އިޝާރާތް ކުރައްވާ، މި ބަލިމަޑުކަން ފެތުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން ނިންމާފައިވާ މުހިންމު ނިންމުންތަކަށް ޑޮކްޓަރު މުނީރު ސަފިލްޑިން ތައުރީފު ކުރެއްވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.