މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އަށް ފޮނުވައިފިއެވެ.
އެ މައްސަލަ މީގެ ދެ ދުވަސް ކުރިން ޕީޖީ އަށް ލިބިފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވެފައިވެއެވެ. އަދި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މައްސަލަ އާއި މެދު ދައުވާ ކުރުމާއި މެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީއާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ނިހާންގެ މައްސަލަ ޕީޖީ އަށް ފޮނުވިއިރު އިއްޔެ ނިހާންގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ. އެ މައްސަލަ އާއި ގުޅިގެން ފުލުހުން މީޑިއާ އޮފިޝަލަކު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުންހުރި މައްސަލައެއްގައި ނިިހާން ފުރުން މަނާކޮށްފައިވާ ކަމަށެވެ.
ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އެކުލަވާލި ރިޔާސީ ކޮމިޝަނަށް މީގެކުރިން ނިހާން ވަނީ ހާޒިރުކޮށް ސުވާލު ކުރައްވާފައެވެ.
ނިހާންގެ މައްސަލަ ޕީޖީ އަށް ފޮނުވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އަދި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އެ ސަރުކާރުގައި ހުންނެވިއިރު އަދީބު ދިފާއު ކުރައްވާ ނިހާން ވަނީ އެކި ޕްލެޓުފޯމުތަކުގައި ވާހަކަދައްކަވާފައެވެ.
ނަމަވެސް ނިހާން ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އޭނާ އަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.