72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅުންހުރި ބައެއް މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުން ---

ހަތްދިހަ ދެ ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލާގައި ޝާމިލުވާ މީހުންގެ ވަނަވަރު ފުލުހުން އާއްމުކުރީ މިމަހުގެ 10ވަނަ ދުވަހުއެވެ.

މި މަސްތުވާތަކެތިތައް ފުލުހުން އަތުލައިގަތީ ފަރީދީ މަގުގައި އޮތް ކާރަކުންނެވެ. އެ ކާރު ބަލާ ފާސް ކުރުމަށް ފަރީދީމަގުގެ ބޮޑު ސަރަހައްދެއް ފުލުހުން ބަންދުކުރިއެވެ.

ފުލުހުން ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ހިންގި އެ އޮޕަރޭޝަނަކީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މީގެ ހަފްތާއެއްހާ ދުވަސްކުރިން ފެށި އޮޕަރޭޝަނެއް ކަމަށެވެ. އެ އޮޕަރޭޝަނުގައި ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައިރު، "މަސްޖަރީ" ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން ޑިސެމްބަރު 8 ވަނަ ދުވަހުގެ މާލެއަށް އެތެރެކޮށްފައިވާކަމުގެ މައުލޫމާތު ލިބުނު ކަމަށް ފުލުހުން ބުންޏެވެ.  އަދި މާލެއަށް އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތި ކާރެއްގެ ޑިކީއަށް އަރުވާފައި ވަނިކޮށް ފުލުހުން ވަނީ ހޯދާފައިވަނީ އެ މައުލޫމާތާއި ގުޅިގެން ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނުގައި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މީގެކުރިން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުން ހައްޔަރުކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅައި ދެމީހެއްގެ ބަންދަށް 15 ދުވަސް، ހަތަރު މީހެއްގެ ބަންދަށް 10 ދުވަސް، ތިން މީހެއްގެ ބަންދަށް 7 ދުވަސް އަދި އެކަކުގެ ބަންދަށް 5 ދުވަސް ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އޭގެތެރެއިން ބައެއް މީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓުން ހަތަރު މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. ބާކީ ތިބި މީހުންގެ ބަންދުގެ މުއްދަތު އަދި ހަމައެއް ނުވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ؛

- ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަގިއްޔު، 32އ

- ރ. އިނގުރައިދޫ / އެލެސްކާ، މުހައްމަދު ވިޝާމް، 28 އ

- ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަހުޙްމަދު ނަސީރު، 38އ

- ކ. މާލެ / މއ. ކަނޑޫގެ، ޢަލީ އަހުމަދު، 37އ

- ކ. މާލެ / ހ. ގާރޑަންބިޔުޓީ، މުހައްމަދު އަކްރަމް، 27އ

- ރ. އިނގުރައިދޫ / އެލެސްކާ، އަބްދުﷲ ވިޝާމް، 26އ

- ހދ. ނޮޅީވަރަންފަރު / ނޫރީއާގެ، މުހައްމަދު ޝަރީފް، 34އ

- ލ. ގަން، ތުނޑި / ޕެރިސްހޮލިޑޭ، މުޙައްމަދު ފުރުގާން 33އ

- ތ. ތިމަރަފުށި / ތަޑިރަތްމާގެ، މުޙައްމަދު ވަޖީހު، 35އ

- ރ. ރަސްގެތީމު / ފީރޯޒްގެ، އަޙްމަދު ޝިނާން، 30އ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށާއި އެތަކެތި އެތެރެކުރުމަށްފަހު އެއްތަނުން އަނެއް ތަނަށް އެތަކެތި އުފުލުމުގައި ބޭނުންކުރާ އުޅަނދު ފަހަރުތަކުގެ ވެރިފަރާތަށް އޮޅުވާލައިގެން އުޅަނދުފަހަރު ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާތީ ކަނޑު އުޅަނދުފަހަރާއި އެއްގަމު އުޅަނދު ގެންގުޅުއްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.