ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 8،700 އަށްވުރެ ގިނަ ބިދޭސީން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލައިފިއެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ މިހާތަނަށް 8741 ބިދޭސީ އަކު މި މަހުގެ 10ވަނަ ދުވަހާއި ހަމައަށް އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އަދި އެހުރިހާ މީހުންނަކީ ވެސް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ މީހުން ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނާއި ބަންގްލަދޭޝްގެ ސަރުކާރު ގުޅިގެން ކުރިއަށްދާ މިމަސައްކަތަށް ބަންގްލަދޭޝްގެ ސަރުކާރުން ވެދެން އޮތް އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަގީންކަން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަރުވާފައެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީންގެ ތެރެއިން 20،000 އަށްވުރެ ގިނަ މީހުން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލުމެވެ.