ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް ފޯމު ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް 114 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަ ކުރުމަށް ނިންމި ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަ ކުރުމަށް ނިންމާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް 114 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ 74 ފަރާތަކުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 40 ފަރާތަކުން އެބަވޭ ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މިހާތަނަށް ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނައިން ނަން އަނބުރާ ގެންދިޔައީ ސަރުކާރު ހިންގާ މައިޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ކެންޑިޑޭޓުންނެވެ. އެގޮތުން 26 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވެއެވެ. ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމަށް ނިންމި ކެންޑިޑޭޓުންގެ ތެރެއިން 13 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވެއެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރަން ނިންމި ކެންޑިޑޭޓުންގެ ތެރެއިން ހަތް ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާއިރު އެމްޑީއޭގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރަން ނިންމި އެއް ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވެއެވެ. އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ނިންމި ކެންޑިޑޭޓުންގެ ތެރެއިން 29 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
އިލެކްޝަންސް ކޮމިޝަނުން އަންނަނީ އަންނަ މާޗު މަހު އިންތިހާބު ބޭއްވުމުގެ މަސައްކަތް ކުރަމުންނެވެ.