ނެގެޓިވް ޕީސީއާރްއާއެކު ރާއްޖެ އަންނަ ދިވެހިން ކަރަންޓީނުވާން ނުޖެހޭނެ

ކޮވިޑް19 ނެގެޓިވް ޕީސީއާރް ޓެސްޓާއެކު ރާއްޖެ އިން ބޭރުން އަންނަ ދިވެހިންނާއި އަދި ވޯކް ވިސާގައި އަންނަ ބޭރު މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ކަނޑައަޅައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ބަދަލަށް މި މަހުގެ 20ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށެވެ.

އެޗްޕީއޭގެ އިއުލާނުގައި ބުނެފައި ވަނީ ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިޒާގައި އަންނަ މީހުންގެ ތެރެއިން 96 ގަޑިއިރުނުވާ ނެގެޓިވް ޕީސީއާރް ޓެސްޓް އޮންނަ މީހުން ކަރަންޓީންވާން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ގޭގައި އުޅޭއިރުވެސް މާސްކު އެޅުމަށާއި އެކަހެރިވެ ތިބުމަކީ އެދެވިގެންވާ ގޮތެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ އުސޫލަށް މިބަދަލު ގެނައުމަށް ނިންމާފައިވީ ނަމަވެސް ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރަށްރަށް ދަތުރުކުރާ މީހުންނާއި ރިސޯޓުތަކަށް ދަތުރުކުރާ މީހުންނާއި ގްރޭޓަރ މާލެ ސަރަޙައްދަށް އަންނަ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއާއި ދައުލަތުން މީހުން ބަލަހައްޓާ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން 10 ދުވަހަށް ކަރަންޓީން ވާންޖެހޭނެއެވެ. އަދި މިފަރާތްތަކުން ކަރަންޓީން މުއްދަތު ހަމަކުރުމަށްފަހު ޕީސީއާރް ޓެސްޓު ހަދަންޖެހޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.