ކުރު މުއްދަތަކަށް ރަށްރަކަށް ދަތުރު ކުރާ ނަމަ ކޮވިޑް ޓެސްޓު ހަދަން ނުޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޒަރޫރީ ބޭނުންތަކުގައި ރަށްރަށަށް ދަތުރު ކުރާ ފަރާތްތައް 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް ހުށަހަޅަން ޖެހޭ ގޮތަށް މީގެކުރިން އޮތް އޮތުމަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ އެގޮތަށް ބަދަލު ކުރި ނަމަވެސް ކޮވިޑް19 ހުއްޓުވުމަށްޓަކައި އެޗްޕީއޭ އިން އަޅާފައިވާ ގައިޑްލައިންތަކަށް ތަބާވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެޗްޕީއޭ އިން ބުނީ ގައިޑްލައިންތަކާއި ހިލާފުވާ ކަމަށްވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
އެޗްޕީއޭ އިން މިގޮތަށް ނިންމާފައިވާއިރު ސަރުކާރުގެ އިސްވެރިން ރަށްރަށަށް ދާއިރު ކަރަންޓީނުވާން ނުޖެހޭތީ އެކަމާއި ބައެއް ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. މީގެއިތުރުން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އިދިކޮޅު ކޯލިޝަނަށް ދަތުރު ނުކުރެވޭތީ އެ ކޯލިޝަނުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.