ސަފާރީ ރޭޕް ކޭސް: ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިން --

ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި 27 އަހަރުގެ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވީ މިމަހުގެ ކުރީކޮޅުއެވެ. އަދި ޕީޖީ އޮފީހުން އެ މައްސަލަ މިހާރު ވަނީ ބަލައިގެންފައެވެ. ނަމަވެސް ދައުވާ ކުރަން ފޮނުވި މީހުންގެ މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.

މި މައްސަލަ އާއި ގުޅިގެން މީގެކުރިން ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ ފުލުހުންގެ ހައްޔަރުކުރީ އެ މައްސަލާގައި ދެ މީހަކު ކަމަށެވެ. އަދި އެމީހުންގެ ކުޑަކަމުދާ ތަކެތި ނުނެގީ އެމީހުން ތިބީ މަސްތުވެގެން ކަމަށް ފުލުހުންނަށް ނުބެލެވޭތީ ކަމަށެވެ.

“އެމީހުންގެ ކުޑަކަމުދާ ތަކެތި ނުނެގީ މަސްތުވެގެން ކަމަށް ނުބެލެވޭތީ،” މަންނާނު ވިދާޅުވިއެވެ.

މީގެއިތުރުން މަންނާނު ވިދާޅުވީ މިހާތަނަށް އެ މައްސަލަ އާއި ގުޅިގެން އެއްވެސް މީހެއްގެ ފަރާތުން ފުލުހުންނަށް ނުފޫޒެއް ފޯރާފައި ނުވާ ކަމަށެވެ.

“ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވާލަން ހަމަ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން މި މައްސަލަ އާއި ގުޅިގެން އެއްވެސް ޑިޒިޝަނެއް މިހާތަނަށް ނަގާފައެއް ނުވާނެ. މި މައްސަލާގައި ފުރަތަމަ އަޅުގަނޑުމެން ފާހަގަކުރި ފަދައިން ޖެޓީ އާއި ހަމައިން ކުށެއް ހިނގައިފި ކަމަށް ގަބޫލު ކުރެވުނީ އެވަގުތު އެތަނަށް ދިޔަ ފުލުހަކަށް އޭނާގެ ވިސްނުމަށް. ހައްޔަރު ކުރުމާއި ބަޔާން ނެގުމާއި ޑޮކްޓަރަށް ދެއްކުންވެސް ހަމަ އެގޮތަށް. އެކަމެއް ކުރަން ހަވާލުވެ އެތިބި ބަޔަކު އެބައެއްގެ ކުރިމައްޗަށް ގެނެވިފައި ހުރި މައުލޫމާތުތަކެއް މައްޗަށް ބުރަވެ، އެއްވެސް ނުފޫޒެއް އެއްވެސް ބިރެއް ނެތި ނަގާފައި ހުރި ޑިޒިޝަން އެއީ،” މަންނާނު ވިދާޅުވިއެވެ.

މި މައްސަލާގައި ފުލުހުން މީގެކުރިން ދެމީހަކު ހައްޔަރުވެސް ކުރިއެވެ. ނަމަވެސް ފަހުން އެ ދެމީހުން ވެސް ވަނީ ދޫކޮށްލައިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.