އިސްލާމީ އުއްމަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށްޓަކާ ފަހުރުވެރިވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.
އަނދުން ހުސައިން މިފަދައިން ވިދާޅުވީ އަވަށްޓެރި ސްރީލަންކާއިން ކޮވިޑް19 އަށް ޕޮޒިޓިވްވެ އެ ބަލީގައި މަރުވާ މީހުން ވަޅުލުމުގެ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބަލަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ބުނެފައި ވާތީ އެކަމަށް މަރުހަބާ ދަންނަވައެވެ.
އަނދުން ހުސައިން ކުރެއްވި ޓްވީޓެއްގައި މިރޭ ވިދާޅުވީ ރައީސް ސޯލިހު މިއަދު ވަނީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ވެރިއެއްކަން ސާބިތު ކޮށްދެއްވާފައި ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނަށްޓަކައި މުޅި އިސްލާމީ އުއްމަތް ފަހުރުވެރިވާ ކަމަށެވެ.
@ibusolih Sahthain sahtha Islaam qaumeh ge veriehkan manikfaanu saabithu kohdhehvaifi manikfaanah takai Islaamee ummaih fauruverivey. pic.twitter.com/mLa5ZfLFMI
— Hussain Shaheem (@AndhunHussain) December 14, 2020
ކޮވިޑް ބަލީގައި މަރުވި 19 ލަންކާ މީހަކު އަންދާލުމަށް ލަންކާ ސަރުކާރުން ވަނީ ނިންމާފައެވެ. އެކަމުގެ ސަބަބުން ލަންކާގެ މުސްލިމް ރައްޔިތުން އަންނަނީ ފާޅުގައި ދެކޮޅު ހަދަމުންނެވެ.
ފޮރިން މިނިސްޓްރީ އިން މިއަދު ބުނީ ކޮވިޑް19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ދިވެހިރާއްޖޭގައި ސްރީލަންކާގެ އެފަދަ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.
“އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގުސަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންނެވެ” ފޮރިން މިނިސްޓްރީ އިން ބުންޏެވެ.