ބޭރު ގައުމުތަކުގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ރާއްޖޭގައި ވަޅުލުމަށް މައުމޫން ދެކޮޅު!

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ---

ބޭރުގެ ގައުމުތަކުގައި ކޮވިޑް19 ޖެހިގެން މަރުވާ މީހުން ވަޅުލުމަށް ރާއްޖެ ގެނައުމަކީ ތާއީދު ކުރެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިފަދައިން ވިދާޅުވެފައި މިވަނީ އަވަށްޓެރި ސްރީލަންކާއިން ކޮވިޑް19 އަށް ޕޮޒިޓިވްވެ އެ ބަލީގައި މަރުވާ މީހުން ވަޅުލުމުގެ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބަލަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ދީނެއްގެ އަދި ކޮންމެ ނަސްލެއްގެ މީހެއް ނަމަވެސް ވެސް ރާއްޖެ އަށް ޒިޔާރަތް ކުރުމަށް އެމަނިކުފާނު މަރުހަބާ ދަންނަވާ ކަމަށެވެ. ނަމަވެސް ބޭރު ގައުމުތަކުގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ރާއްޖެ ގެނެސް އެމީހުން ރާއްޖޭގައި ވަޅުލުމަކީ އެއްވެސް ވަރަކަށް އެމަނިކުފާނަށް ތާއީދު ކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑް ބަލީގައި މަރުވި 19 ލަންކާ މީހަކު އަންދާލުމަށް ލަންކާ ސަރުކާރުން ވަނީ ނިންމާފައެވެ. އެކަމުގެ ސަބަބުން ލަންކާގެ މުސްލިމް ރައްޔިތުން އަންނަނީ ފާޅުގައި ދެކޮޅު ހަދަމުންނެވެ.

ފޮރިން މިނިސްޓްރީ އިން މިއަދު ބުނީ ކޮވިޑް19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ދިވެހިރާއްޖޭގައި ސްރީލަންކާގެ އެފަދަ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

"އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގުސަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންނެވެ" ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.