ކޮވިޑްގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ / ރައީސް އޮފީސް

އަވަށްޓެރި ސްރީލަންކާއިން ކޮވިޑް19 އަށް ޕޮޒިޓިވްވެ އެ ބަލީގައި މަރުވާ މީހުން ވަޅުލުމުގެ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބަލަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ކޮވިޑް ބަލީގައި މަރުވި 19 ލަންކާ މީހަކު އަންދާލުމަށް ލަންކާ ސަރުކާރުން ވަނީ ނިންމާފައެވެ. އެކަމުގެ ސަބަބުން ލަންކާގެ މުސްލިމް ރައްޔިތުން އަންނަނީ ފާޅުގައި ދެކޮޅު ހަދަމުންނެވެ.

ލަންކާގެ މީޑިއާތަކުގައި ބުނެފައި ވަނީ ކޮވިޑްގައި މަރުވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލަން ދިވެހި ސަރުކާރުން ވަނީ ލަންކާގެ ފޮރިން މިނިސްޓްރީ އަށް ރަސްމީކޮށް ހުށަހެޅުމެއް ހުށަހަޅާފައެވެ. އެގޮތުން އެ ހުށަހެޅުމުގައި ކޮވިޑްގައި މަރުވާ މީހުން ވަޅުލާން ރާއްޖެއިން ރަށެއް ހަމަޖައްސާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވާ ކަމަށްވެސް ބައެއް މީޑިއާތަކުގައި ބުނެފައިވެއެވެ.

ލަންކާގެ ޕަބްލިކް ހެލްތު ސާވިސްގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ޑރ. ހެމަންތާ ހެރަތު ވިދާޅުވި ކަމަށް ލަންކާގެ ނޫސްތަކުގައި ބުނެފައި ވަނީ ލަންކާގައި މަރުވާ މުސްލިމުން ވަޅުލުމަށް ރާއްޖޭން އިސްނަގައި، އެކަމާ ގުޅޭ ހާއްސަ ގައިޑްލައިނެއް އެކުލަވާލުމަށް ހެލްތު މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

މިކަމަކީ ކުރެވިދާނެ ކަމެއް ކަމަށް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ޔަގީން ވެގެން ދާނީ ރާއްޖެއިން ތައްޔާރު ކުރާ ގައިޑްލައިން އަށް ބެލުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީ އިން މިއަދު ބުނީ ކޮވިޑް19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ދިވެހިރާއްޖޭގައި ސްރީލަންކާގެ އެފަދަ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

"އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގުސަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންނެވެ" ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.