ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ، އަބްދުﷲ ފަޔާޒް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ފަޔާޒް އިސްތިއުފާ ދެއްވިއިރު އޭނާ ކުރިން ހުންނެވީ ސަސްޕެންޑުކޮށްފައެވެ. އޭނާ ސަސްޕެންޑުކުރީ މިދިޔަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އަދި އޭނާގެ ސަސްޕެންޝަން އުވާލީ އެއްމަސް ދުވަސް ފަހުންނެވެ.
ފަޔާޒު ސަސްޕެންޑް ކުރީ އޭނާއާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ސިވިލް ސަރވިސް ކޮމިޝަން އަދި އޭސީސީ އަށް ހުށަހެޅިފައިވާތީ އެ މައްސަލަތައް ތަހުގީގުކޮށް ނިމެންދެންނެވެ.
ނަމަވެސް ފަޔާޒުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ވަނީ އޭނާ އަށް އަންގާފައެވެ.
ފަޔާޒު މަގާމުން އިސްތިއުފާ ދެއްވީ އިއްޔެ ކަމަށްވާއިރު، އޭނާގެ އިސްތިއުފާގެ ސިޓީގައި ވަނީ މަގާމުގެ ޒިންމާ އަދާކުރާނެ މާހައުލެއް ޓްރާންސްޕޯޓު މިނިސްޓްރީގައި މިހާރު ނެތް ކަމަށް ވިދާޅުވެފައެވެ.