ކޮރޯނާ ޖެހުނު މާބަނޑު މީހަކު ވިހައިފި، ކުއްޖާގެ ހާލު ރަނގަޅު

ޗައިނާގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މާބަނޑު މީހަކު ވިހާފައިވާ ކަމަށާއި އެހެންނަމަވެސް އެމީހާ ވިހި ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޗައިނާގެ ހާބިން މުނިސިޕަލް ހެލްތު ކޮމިޝަނުން މިއަދު ބުނީ އެ އަންހެން މީހާ އަށް ވައިރަސް ޖެހިފައިވާކަން ކަށަވަރުވެފައި ވަނީ ބަނޑަށް 38 ހަފުތާގައި ކަމަށެވެ. ޑޮކްޓަރުންގެ މަޝްވަރާގެ މަތިން މިދިޔަ ހުކުރު ދުވަހު ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގާފައިވާ ކަމަށް ޗައިނާގެ ހާބިން މުނިސިޕަލް ހެލްތު ކޮމިޝަނާއި ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އަންހެން މީހާ ވިހޭ ދަރިފުޅު ހަށިގަނޑުގައި ކޮރޯނާގެ އެއްވެސް އަސަރެއް ހުރިތޯ ދެ ފަހަރެއްގެ މަތިން ޓެސްޓު ހަދައިގެން ވަނީ ބަލައިފައެވެ. އެހެންނަމަވެސް ދެ ފަހަރުވެސް ޓެސްޓުގެ ނަތީޖާއިން ދެއްކީ ދަރިފުޅު ގައިގައި ވައިރަހުގެ އެއްވެސް އަސަރެއް ނެތް ކަމަށެވެ.

އެހެންނަމަވެސް މި ދެމައިން މިހާރު ތިބީ ކަރަންޓީނު ކޮށްފައެވެ. އަންހެން މީހާ ވިއްސުމުގައި ހަރަކާތްތެރި ސިއްހީ ފަރާތްތަކުގެ ހާލަތު މިހާރު އަންނަނީ ބަލަމުންނެވެ.

ކޮރޯނާ ވައިރަހުގައި 362 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ. ބަލިޖެހުނު މީހުންގެ އަދަދު 17،000އަށްވުރެ މައްޗަށް ވަނީ އަރާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *