މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ފަރާތުން އާބިޓްރޭޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އާބިޓްރޭޝަނުގެ ކަންކަމާއި ގުޅުން ހުރި ހިދުމަތްތައް ރަސްމީކޮށް ދޭން ފަށައިފިއެވެ.
އެ ސެންޓަރުން މިއަދު ބުނީ އެ ސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށް، މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިހާރު މައްސަލަ ހުށަހެޅޭނެ ކަމަށެވެ. މީގެއިތުރުން، ވާޗުއަލް ހިދުމަތްތަކާއެކު އާބިޓްރަލް ޕްރޮސީޑިން ކުރިއަށް ގެންދިއުމުގެ އިހްތިޔާރު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބޭނެ ކަމަށް ވެސް އެ ސެންޓަރުން ބުނެއެވެ.
މި ސެންޓަރުގެ ފަރާތުން ވާޗުއަލް ހިދުމަތްތައް ތައާރަފުކުރުމާއިއެކު، އެ ހިދުމަތްތައް ވީހާވެސް ގިނަބަޔަކަށް ލިބުމަށް މަގު ފަހިވެގެންދާނެ ކަމަށް އާބިޓްރޭޝަން ސެންޓަރުން ބުނެއެވެ. އެ ސެންޓަރުން ބުނީ މައްސަލައެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް https://miac.gov.mv/case-reg އިން މައްސަލަ ހުށަހެޅޭނެ ކަމަށެވެ.
އެ ސެންޓަރުގެ މަސައްކަތް އަމަލީ ގޮތުން 2019 ވަނަ އަހަރުގެ އެޕްރީލް މަހު ފެށުމާއިއެކު ކޮށްފައިވާ ކަންކަމުގެ ތެރޭގައި ކަމުގެ ތަޖުރިބާކާރު އާބިޓްރޭޓަރުންގެ ދަފްތަރެއް އެކުލަވާލުމާއި ބޭސް މެނޭޖްމަންޓް ޕޯޓަލް އެއް ގާއިމްކުރުމާއި މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ އާބިޓްރޭޝަން ރޫލްސް ޝާއިއުކުރުން ހިމެނެއެވެ.
އެ ސެންޓަރުން ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ އިތުބާރު ލިބޭނޭ ގޮތަށް، ހަރުދަނާ އަދި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށް ދިނުމުގެ ޔަގީންކަންދޭ ކަމަށް އާބިޓްރޭޝަން އިން މައުލޫމާތުދެއެވެ.