ކޮވިޑްގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ހުށަހަޅައިފި

ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހަކު ވަޅުލަނީ --

އަވަށްޓެރި ސްރީލަންކާއިން ކޮވިޑް19 އަށް ޕޮޒިޓިވްވެ އެ ބަލީގައި މަރުވާ މީހުން ރާއްޖޭގައި ވަޅުލުމަށް ލަންކާ ސަރުކާރަށް ދިވެހި ސަރުކާރުން ހުށަހަޅައިފިއެވެ.

މިގޮތަށް ރާއްޖޭގެ ސަރުކާރުން ހުށަހެޅީ ދާދިފަހުން ކޮވިޑް ބަލީގައި މަރުވި 19 ލަންކާ މީހަކު އަންދާލުމަށް ލަންކާ ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ. އެކަމުގެ ސަބަބުން ލަންކާގެ މުސްލިމް ރައްޔިތުން އަންނަނީ ފާޅުގައި ދެކޮޅު ހަދަމުންނެވެ.

ލަންކާގެ މީޑިއާތަކުގައި ބުނެފައި ވަނީ ކޮވިޑްގައި މަރުވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލަން ދިވެހި ސަރުކާރުން ވަނީ ލަންކާގެ ފޮރިން މިނިސްޓްރީ އަށް ރަސްމީކޮށް ހުށަހެޅުމެއް ހުށަހަޅާފައެވެ. އެގޮތުން އެ ހުށަހެޅުމުގައި ކޮވިޑްގައި މަރުވާ މީހުން ވަޅުލާން ރާއްޖެއިން ރަށެއް ހަމަޖައްސާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވާ ކަމަށްވެސް ބައެއް މީޑިއާތަކުގައި ބުނެފައިވެއެވެ.

ލަންކާގެ ޕަބްލިކް ހެލްތު ސާވިސްގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ޑރ. ހެމަންތާ ހެރަތު ވިދާޅުވި ކަމަށް ލަންކާގެ ނޫސްތަކުގައި ބުނެފައި ވަނީ ލަންކާގައި މަރުވާ މުސްލިމުން ވަޅުލުމަށް ރާއްޖޭން އިސްނަގައި، އެކަމާ ގުޅޭ ހާއްސަ ގައިޑްލައިނެއް އެކުލަވާލުމަށް ހެލްތު މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

މިކަމަކީ ކުރެވިދާނެ ކަމެއް ކަމަށް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ޔަގީން ވެގެން ދާނީ ރާއްޖެއިން ތައްޔާރު ކުރާ ގައިޑްލައިން އަށް ބެލުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.