13،000އަށްވުރެ ގިނަ ފަރާތްތަކަށް އިންކަމް ސަޕޯޓުގެ ގޮތުގައި 164.3 މިލިއަން ރުފިޔާ ދޫކޮށްފި

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތުގެ ބޭރު --

ކޮވިޑް19 ގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 164.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް 13،177 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސް ދޫކޮށްފައިވާ ކަމަށެވެ. ވަޒީފާ ގެއްލުނު މީހުންނަށް އެންސްޕާ މެދުވެރިކޮށް އިންކަމް ސަޕޯޓުގެ ގޮތުގައި މަހަކު 5،000 ރުފިޔާ އަންނަނީ ދެމުންނެވެ.

ކޮވިޑް-19ގެ ސަބަބުން ގިނަ ބަޔެއްގެ ވަޒީފާ ގެއްލި، އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ، އެކަމުން އަރައިގަތުމަށް ސަރުކާރުން ވަނީ ވިޔަފާރިތަކާއި އާންމުންނަށް 2.5 ބިލިއަން ރުފިޔާގެ ޕެކޭޖެއްގެ ދަށުން އެހީވާން ފަށާފައެވެ.

ކޮވިޑް19 ގެ ސަބަބުން އިގްތިސޯދަށް ގެއްލުންވެ ވިޔަފާރިތަކަށް ލިބިގެން ދިޔަ ހީނަރުކަމުގެ ސަބަބުން ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ސަރުކާރުން ދިނުމަށް ނިންމާފައިވާ އެލަވަންސް ދޭނެ އުސޫލެއް އާއްމުކުރީ މިދިޔަ މެއި މަހުގެ 13ވަނަ ދުވަހުއެވެ.

މި އުސޫލުގައި ބަޔާންކުރާ ފަދަ ވަޒީފާއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް، އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެވޭނީ ވަޒީފާއިން ވަކިކުރެވިފައިވާ ނުވަތަ ސަސްޕެންޑް ކުރެވިފައިވާ ފަރާތެއް ނަމަ، މަހަކު 5،000 ރުފިޔާ، މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް
ފޮނުވައިފައިވާ ފަރާތެއް ނަމަ، މަހަކު 5،000 ރުފިޔާ ނުވަތަ މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއް ނަމަ، އެފަދައިން އުނިކުރާ އަދަދު
އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5،000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ 5،000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދެވެ.

އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެ ފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5،000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ، 5،000 ރުފިޔާއިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް، އެ ފަރާތަކަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5،000 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއް ނަމަ، އެ ފަރާތަކީ، އެ އުސޫލުގެ ދަށުން ދެވޭ އެލަވަންސަށް ޝަރުތު ފުރިހަމަވާ ފަރާތެއް ކަމަށް ނުބެލެވޭނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.