ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފައްދައިފި

ރައީސުޖުމްހޫރިއްޔާގެ އޮފީސް -- ފޮޓޯ / މިހާރު

“ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ” ގެ ނަމުގައި އިދާރާއެއް ގާއިމުކުރައްވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.

އެކަން އިއުލާނުކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ނެރުއްވި ދެންނެވުމެއްގައެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަކީ ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަސްދީގުކުރެއްވެވި “ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނުގެ” ތިންވަނަ މާއްދާގެ (ހ)ގެ ދަށުން އުފެއްދުމަށް ލާޒިމުކޮށްފައިވާ އިދާރާއެކެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފެއްދެވުމާއި ގުޅިގެން، މިހާތަނަށް އެންވަޔަރަމަންޓު މިނިސްޓްރީގެ ދަށުން ހިންގަމުންއައި މޯލްޑިވްސް އެނާޖީ އޮތޯރިޓީ އިއްޔެ އިން ފެށިގެން ވަނީ އުވާލައިފައެވެ.

އަދި، ދެންނެވުމުގައި ވާގޮތުން ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 485 ކަމުގައި ވެސް ވަނީ ހަމަޖައްސަވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.