ނުވަ މަހަށްފަހު، މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވައިފި

ހުޅުމާލެ މަގެއްގައި ޓޫރިސްޓުންތަކެއް މިއަދު މަޑުކޮށްލައިގެން-- ފޮޓޯ/ ހަތާވީސް

ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ، މާލެ ސިޓީގެ ގެސްޓްހައުސްތައް ބަންދުކުރިތާ ނުވަ މަހަށްފަހު، އަލުން ގެސްޓްހައުސްތައް މިއަދު ހުޅުވައިފިއެވެ.

ކޮވިޑް19ގެ ޖެހޭ މީހުން އިތުރުވާން ފެށުމުން، އެންމެ ފުރަތަމަ ވެސް ބަންދުކުރީ މާލެ ސިޓީގެ ގެސްޓްހައުސްތަކެވެ. މާލެ، ހުޅުމާލެ، ވިލިމާލެ ހިމެނޭ ގޮތަށް މާލެ ސިޓީގެ ގެސްޓްހައުސްތައް ބަންދުކުރީ މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހުއެވެ. ނަމަވެސް ނުވަ މަހަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، މިއަދު ވަނީ މާލެ ސިޓީގެ ގެސްޓްހައުސްތައް އަލުން ހުޅުވާފައެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ރައްޒާން ރޭ ވިދާޅުވީ އަލުން އެކުލަވާލި ގައިޑްލައިނާ އެކު، މާލެ ސިޓީގެ ގެސްޓްހައުސްތަކުގެ ހިދުމަތް ފެށުމަށް 20 ވަރަކަށް ތަނަކުން ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 10 ވަރަކަށް ގެސްޓްހައުސް މިއަދު ޚިދުމަތް ދޭން ފަށާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ރައްޒާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލެ ސަރަހައްދުގެ 80 ވަރަކަށް ގެސްޓްހައުސްއިން ޓްރާންސިޓްވާ ޓޫރިސްޓުންނަށް ހިދުމަތް ދެމުންގެންދާ ކަމަށެވެ. އެ ހުރިހާ ގެސްޓްހައުސްއަކުން ވެސް މި ހަފްތާ ތެރޭގައި ހިދުމަތަށް ނުކުންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ރައްޒާން ވިދާޅުވިއެވެ.

މާލެ ސިޓީ ހޮޓާ، ގެސްޓްހައުސްތަކުގައި 2،500 ވުރެ ގިނަ އެނދުހުރެއެވެ. އެގޮތުން މާލޭގައި 1،000 އެނދާއި ހުޅުމާލޭގައި 1400 އެނދާއި ވިލިމާލޭގައި 100 އެއްހާ އެނދު ހުރެއެވެ.

ބޯޑަރު ހުޅުވިފަހުން މިހާތަނަށް އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ބޯޑަރު ހުޅުވިފަހުން ރާއްޖޭގެ 26 ރަށެއްގައި 147 ގެސްޓްހައުސްއަކުން ޓޫރިސްޓުންނަށް ގެންދަނީ ހިދުމަތް ދެމުންނެވެ. އަދި 137 ރިސޯޓެއް އޮޕަރޭޝަން ފަށާފައިވާއިރު، ފަސް ހޮޓަލަކާއި 127 ސަފާރީއެއް ބޯޑަރު ހުޅުވިފަހުން އޮޕަރޭޓްކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.