އުތުރުން ބާނާ މަސް ކޫއްޑޫ އަށް ކިރުވުމުން މަސްދޯނި ފަހަރުތަކަށް ހާއްސަ އިނާޔަތެއް ދިނުމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ނިންމައިފިއެވެ.
މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ސޮއި ކުރައްވާ ނެރުއްވި މެމޯއެއްގައި ވަނީ މިދިޔަ ދުވަސްތަކުގައި ރާއްޖޭގެ އުތުރުގައި މަސްވެރިކަން ރަނގަޅުވެފައިވާ ކަމަށެވެ. އަދި ވަނީ ދުވަހުން ދުވަހަށް މަސް ކިރުމަށް އަންނަ ދޯނިފަހަރުގެ މަސް އެކީގައި ނުކިރި ބާކީވާ ދޯނިފަހަރު ފަހު ދުވަހު މަސްކިރާ ގޮތަށް ނަންބަރު ދީފައި ކިއުގައި މަޑު ކުރަމުންދާ ދޯނިފަހަރު ނުކިރި ގިނަސް ދުވަސްވާ ކަމަށެވެ.
އެކަމުގެ ސަބަބުން ދޯނިފަހަރުގެ އަދަދު އިތުރުވެފައިވާ ކަމަށް އެ މެމޯގައި ބުނެފައިވެއެވެ. އަދި މިހާރު ފެލިވަރު ފުރި އެ ބަނދަރުގައި މަސް ކިރުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް އެ މެމޯގައި ބުނެފައިވެއެވެ. މެމޯގައި ބުނެފައިވާ ގޮތުގައި މިހާރު ފެލިވަރު ކިއުގައި ހުރި ދޯނިފަހަރު މިމަހުގެ 13ވަނަ ދުވަހުން ފެށިގެން ކޫއްޑު އަށް މަސްކިރުމަށް ދާ ގޮތަށް ހަމަޖައްސައި ދޯނީގެ ދަތުރު ހަރަދު ކުޑަ ކުރުމަށް އެހީތެރިވުމުގެ ގޮތުން ފެލިވަރު ކިއު އިން ކޫއްޑޫއަށްދާ ދޯނި ފަހަރަށް 12 ފީފާގެ ޑީސަލް ތެޔޮ މިފްކޯއިން ހިލޭ ދޭ ގޮތަށް ހަމަޖައްސައިފައިވާ ކަމަށެވެ.
އެގޮތުން ކޫއްޑޫއަށްދާ ދޯނިފަހަރުގެ މަސްކިރައި ނިމުމުން ކޮންމެ ދޯންޏަކަށް 12 ފީފާ ޑީސަލް ކޫއްޑޫ އިން ދޫކުރުމަށް މިފްކޯ އިން ވަނީ އެދިފައެވެ. އަދި ފެލިވަރު ކިއުއިން ކޫއްޑޫ އަށް ފޮނުވާ ދޯނިފަހަރުތަކުގެ މައުލޫމާތު ފެލިވަރަށް ފޮނުވުމަށް ވެސް ވަނީ އެދިފައެވެ.