ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ދިވެހި ސަރުކާރުން ބޮޑު އަހައްމިޔަތު ކަމެއް ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު އެފަދައިން ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތަކަށް އިޖާބަދިނުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅާފައިވާ ނޭޝަނަލް ޓެރެރިޒަމް ރެސްޕޮންސް ޕްލޭން (އެންޓީއާރްޕީ)ގެ ދަށުން ހިންގާ ފުރަތަމަ ހަރަކާތް، އިނގިރޭސިވިލާތުގެ ސަރުކާރުގެ ބައިވެރިވުމާއެކު މިއަދު ރައީސް އޮފީހުގައި ފައްޓަވައި ދެއްވަމުންނެވެ.
މި ހަރަކާތް ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވަން ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމަށެވެ. އަދި އެންޓީއާރްޕީ އަކީ، އެތައް ފަރާތެއްގެ ބައިވެރިވުމާއި އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ މުހިންމު ރެސްޕޮންސް ޕްލޭނެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޕްލޭންއާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެއީ ޓެރަރިޒަމާއި، ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ވެސް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެވޭނެ ގޮތްތައް އެ ޕްލޭންގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި، މިއަދު ބޭއްވި ހަރަކާތަކީ، ޓެރަރިޒަމްގެ އަމަލެއް ހިނގާ ހާލަތުގައި އަމަލުކުރާނެ ޕްރޮޓޮކޯލްތައް ތަޖުރިބާކޮށް، އެ ފަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތް ދެނެގަތުމަށް ބޭއްވި ހަރަކާތެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ހަރަކާތް ފެށުމަށް ބޭއްވެވި ރަސްމިއްޔާތުގައި އިނގިރޭސި ވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ ވެސް ވާހަކަފުޅު ދެއްކެވިއެވެ. އެ ކަމަނާ ވިދާޅުވީ، ރާއްޖެއާއި އިނގިރޭސި ވިލާތަކީ، ޓެރަރިޒަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ހިޔާލާއި ވިސްނުން އެއްގޮތް ދެ ގައުމު ކަމަށާއި، އެ ދާއިރާއިން ދޭދޭ ގުޅުންތައް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.