ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލު ތަސްދީގު ކުރެއްވުމުން މިނިސްޓަރުގެ ޝުކުރު ރައީސަށް!

ރައީސް ސޯލިހު އަދި އެންވަޔަރަމަންޓު މިނިސްޓަރު ޑރ. ހުސައިން: ފޮޓޯ / ރައީސް އޮފީސް

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ތަސްދީގު ކުރެއްވުމުން އެންވަޔަރަމަންޓު މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ރައީސް ސޯލިހަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

މިނިސްޓަރު މިއަދު ވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލު ތަސްދީގު ކުރެއްވުމުން އެކަމަށް މަރުހަބާ ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ. ވިދާޅުވީ ރައީސް ސޯލިހި ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް ކަރަންޓާއި ފެނާއި ނަރުދަމާ އަދި ކުނި މެނޭޖުކުރުމުގެ ހިދުމަތްތައް ރެގިއުލޭޓް ކުރުމަށް ދައުލަތުގެ އާ މުއައްސަސާއެއް އުފެއްދެވުމަކީ، ރައީސް އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަން ކަށަވަރު ކަމަށެވެ

މި ބިލު މަޖިލީހުން ފާސްކުރީ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 20 ވަނަ ޖަލްސާގައެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލަކީ އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމާއި ގުޅޭ ކަންކަން އިންތިޒާމު ކުރުމަށްޓަކައި އިދާރާއެއް އުފެއްދުމާއި، އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމާއި، އަދި އާންމު ބޭނުންތަކުގެ ހިދުމަތްތަކާގުޅޭ ކަންކަން ރާވައި، ހިންގާނެ ގޮތުގެ އާންމު އުސޫލުތައް ކަނޑައެޅާފައިވާ ބިލެކެވެ.

އެ ބިލުގެ މަގްސަދަކީ، އާންމު ބޭނުންތަކުގެ ހިދުމަތްތަކަކީ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ހެޔޮ އަގެއްގައި، ހަރުދަނާކަމާއެކު އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގެމަތިން، ފޯރުކޮށްދެވޭ ހިދުމަތްތަކަކަށް ހެދުމެވެ. އަދި އެ ހިދުމަތްތަކަކީ އެފިޝަންޓް އަދި ތިމާވެއްޓާ ރައްޓެހި ހިދުމަތްތަކެއްގެ ގޮތުގައި ބައްޓަންކުރުމާއި، ރަނގަޅު ފެންވަރުގައި ދެވޭ ހިދުމަތްތަކަކަށް ހެދުމެވެ.

މީގެ އިތުރުން ވެސް އެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އާންމު އުސޫލުތައް ކަނޑައަޅައި، ތަންފީޒުކުރުމާއި، އެ ގާނޫނާއި އަދި ކަމާގުޅޭ ހާއްސަ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބަލައި، ފިޔަވަޅު އަޅާނެ ނިޒާމެއް ގާއިމުކުރުން ވެސް އެ ބިލުގެ ބޭނުންތަކުގެ ތެރޭގައި ހިމެނެއެވެ.

.

ހިޔާލު ދެއްވާ!

Your email address will not be published.