އިދިކޮޅުން ފްލައި ސްކޫލުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

އައްޑޫ ސިޓީ ގަމުގައި ހުންނަ ފްލައިން ސްކޫލު: ފޮޓޯ / މިހާރު

އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އާދަމް ޝަރީފު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ފްލައިން ސްކޫލްގައި ހިންގާ ކޯސްތަކަކީ ނުހަނު އަގު ބޮޑު ކޯސްތަކެއް ކަމަށެވެ. އަދި ވިދާޅުވީ ޝެޑިއުލާ އެއްގޮތަށް ކޯހުގައި ކިޔަވައިނުދޭ ކަމަށެވެ.

އެކަމުގެ ސަބަބުން ބައެއް ދަރިވަރުންން ހަތަރު އަހަރު ދުވަސް ކިޔެވުމުގައި ހޭދަކުރަން ޖެހި އެތައް ހަރަދުތަކެއް ކުރަން ޖެހިފައިވާ ކަމަށް މަޖިލީހުގެ ރައީސަށް އާދަމް ޝަރީފު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

ފްލައިން ސްކޫލުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު/ ފޮޓޯ: މަޖިލިސް

ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރަނީ ސްޓޫޑަންޓު ލޯނު ނަގައިގެން ކަމަށް ވިދާޅުވެ އާދަމް ޝަރީފް ވިދާޅުވީ އެކަމުގެ ސަބަބުން ދަރިވަރުންނަށް މާލީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި މިހާރު އެތަނުގެ ހާލަތު ހުރި ގޮތުން ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރެވޭނެ ކަމުގެ އުއްމީދު ގެއްލިފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ،

އެހެންކަމުން ފްލައިން ސްކޫލްގެ މައްސަލަތައް ގާތުން ބައްލަވައި، ދަރިވަރުންގެ ހައްގުތައް ނުގެއްލި، ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރުމަށް ޒިންމާވާންޖެހޭ ފަރާތްތައް ޒިންމާދާރު ކުރުވުމަށް މަޖިލީހުން މަސައްކަތްކޮށްދިނުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.

ފްލައިން ސްކޫލުގެ މައްސަލަ މިފަހަކުން ވަނީ ވަރަށް ބޮޑަށް ބޮޑުވެފައެވެ. ހާއްސަކޮށް އެތަނުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ބައެއް ކުދިން އެތަނުން ވަކިކޮށްފައިވާ މައްސަލަތަކެއް ފެންމަތިވެފައިވާއިރު ދައުލަތުގެ އިދާރާތަކުން އަންނަނީ އެކަން ބަލަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.