ކުރީގެ ތިން ސާކިއުލާއެއް ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު: ފޮޓޯ / ސަން

މީގެކުރިން ސުޕްރީމް ކޯޓުން ނެރެފައިވާ ތިން ސާކިއުލާއެއް އެކޯޓުން ބާތިލްކޮށްފިއެވެ.

އެ ކޯޓުން ބާތިލްކުރި ކުރީގެ ތިން ސާކިއުލާ އަކީ ހައްދު ޖެހުމާއި މަރުގެ އަދަބު ކަނޑައެޅޭ ހުކުމްތައް އިސްތިއުނާފު ނުކޮށްފި ކަމަށްވާ ނަމަ އެ ހުކުމެއްގެ ސައްހަކަން ކަށަވަރު ކުރުމަށް ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ގޮތުން މީގެ މީގެ ފަސް އަހަރު ކުރިން، 2015ވަނަ އަހަރު އެކޯޓުން ނެރުނު ދެ ސާކިއުލާއަކާއި ދުސްތޫރީ މައްސަލަތަކުގައި ގާނޫނެއް ނުވަތަ ގަވާއިދެއްގެ ބައެއް ހައިކޯޓުން ބާތިލްކޮށްފި ކަމަށްވާ ނަމަ އެ ހުކުމެއްގެ ސައްހަކަން ކަށަވަރު ކުރުމަށް މީގެ ހަތަރު އަހަރު ކުރިން، 2016ވަނަ އަހަރު އެކޯޓުން ނެރެފައިވާ ސާކިއުލާއެކެވެ.

ދާދިފަހުން ސުޕްރީމް ކޯޓުން ވަނީ ހައްދު ޖެހުމަށް ކުރާ ހުކުމްތައް އިސްތިއުނާފު ނުކޮށްފި ކަމަށްވާ ނަމަ އެ ހުކުމެއްގެ ސައްހަކަން ކަށަވަރު ކުރުމަށް ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހަޅަން ނުޖެހޭ ގޮތަށް ހުކުމެއް ކޮށްފައެވެ.

އެ ހުކުމްގައި ކުށްވެރިޔާ ނުވަތަ ދައުލަތުން މައްސަލަ އިސްތިއުނާފު ނުކޮށްފި ނަމަ އެ ހުކުމެއް ނިހާއީ ހުކުމަކަށް ބަދަލު ވާނެ ކަމަށާއި އެހިސާބުން އެހުކުމެއް ތަންފީޒު ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް މަރުގެ މައްސަލަތައް މީގެކުރިން ވެސް އޮންނަ ގޮތަށް މަތީ ކޯޓުތަކުން ހުކުމް ކަށަވަރު ކުރަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ކުރި ހުކުމްގައިވެއެވެ. އެގޮތުން އެ ހުކުމްގައި އޮތީ ގާނޫނުލްއުގޫބާތުގައި އެގޮތަށް ކަނޑައަޅާފައިވާތީއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.