ހިޔާގައި ކުތިބި ކުދިންތަކަކަށް އަނިޔާކުރި މީހުންގެ މައްޗަށް ދައުވާ ކޮށްފި

ކުޑަކުދިންގެ ހިޔާ-

ކުޑަކުދިންގެ ހިޔާގައި ކުޑަކުދިންތަކަކަށް އަނިޔާ ކުރި މައްސަލާގައި އެތަނުގައި މަސައްކަތް ކުރި މުވައްޒަފުންތަކަކަށް ދައުވާކޮށްފިއެވެ.

އެގޮތުން ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އެ މައްސަލާގައި ހަ މީހެއްގެ މައްޗަށް ދައުވާ ކޮށްފައެވެ. އެ މައްސަލަ ޕީޖީގެ ސަމާލުކަމަށް ގެނެސްފައި ވަނީ ކުޑަކުދިންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުންނެވެ.

އަދި ޕީޖީ ހުސައިން ޝަމީމަށް ލިބިދޭ ބާރުގެ ދަށުން އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް އެންގުމުން އެ މައްސަލާގައި ތަހުގީގު ނިންމާ ދައުވާ ކުރުމަށް ފުލުހުން ޕީޖީ އަށް ފޮނުވިއެވެ.

ދައުވާކުރި ހަ މީހުންގެ ވަނަވަރު:

– މުހައްމަދު ޝަރީފް، ވިލިމާލޭ ސަމާހިޔާ

– ހުސެއިން އަހުމަދު، ވިލިމާލެ ފަންސި

– އަލީ އަހުސަން، ވިލިމާލެ ރިއޯ

– ނަޖީހު އަހުމަދު، މއ. އަކިރިފުށި ދެވަނަބައި، މާލެ

– އަހުމަދު ވަނޫދު، ހ. ފޯސީޒަން، މާލެ

– ހުސެއިން ހަމްދޫން، ވިލިމާލޭ އާސްމާން މަންޒިލް

ޕީޖީ އޮފީހުން ބުނީ އެ މައްސަލާގައި މިހާތަނަށް ދައުވާ ހުށަހަޅާފައިވާ މީހުންނާއި، އެ މައްސަލާގައި ޝާމިލްވާ އިތުރު މީހުން ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ އިތުރު ޖިނާއީ ކުށުގެ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ތަހުގީގު އިދާރާތަކުން ކުރަމުން އަންނަ ކަމަށެވެ.

ދައުވާކުރި މީހުންގެ ތެރޭގައި މުހައްމަދު ޝަރީފާއި ހުސައިން އަހުމަދަށް ކޮށްފައި ވަނީ އެއް ދައުވާއެކެވެ. އެއީ ގައިގައި އަތްލުމުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާއެވެ.

ދެން މައްސަލާގައި ޝާމިލުވާ އަލީ އަހުސަންގެ މައްޗަށް ގައިގައި އަތްލުމުގެ ތިން ދައުވާ އުފުލާފައިވެއެވެ. އަދި ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދެ ދައުވާ އުފުލާފައިވެއެވެ. އަހުމަދު ވަނޫދަށް ގައިގައި އަތްލުމުގެ ހަ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދެ ދައުވާ އުފުލިއިރު ނަޖީހު އަހުމަދަށް ގައިގައި އަތްލުމުގެ ދެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދެ ދައުވާ އުފުލިއެވެ. އަދި ހުސެއިން ހަމްދޫންގެ މައްޗަށް ކުރީ ބިރުދެއްކުމުގެ ދައުވާއަކާއި ގައިގައި އަތްލުމުގެ ދައުވާ އުފުލިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.