ނާއިބު ރައީސްއާ ބައްދަލުކޮށް ފްލައިން ސްކޫލު ދަރިވަރުންގެ ކަންބޮޑުވުންތައް ބަންޑުންކޮށްލައިފި

ފްލައިން ސްކޫލު ދަރިވަރުން ނާއިބު ރައީސްއާ ބައްދަލުކުރަނީ ---

އައްޑޫ ސިޓީގެ ގަމުގައި ގާއިމް ކޮށްފައިވާ ފްލައިން ސްކޫލުގައި ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރުންނަށް ދިމާވާ ދަތިތަކާއި އެ ދަރިވަރުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމަށް ބަންޑުންކޮށްލައިފިއެވެ.

ފްލައިން ސްކޫލުގެ މައްސަލަ މިފަހަކުން ވަނީ ވަރަށް ބޮޑަށް ބޮޑުވެފައެވެ. ހާއްސަކޮށް އެތަނުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ބައެއް ކުދިން އެތަނުން ވަކިކޮށްފައިވާ މައްސަލަތަކެއް ފެންމަތިވެފައިވާއިރު ދައުލަތުގެ އިދާރާތަކުން އަންނަނީ އެކަން ބަލަމުންނެވެ.

ފްލައިން ސްކޫލުގެ ދަރިވަރުންތަކަކާ އެކު ނާއިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރެއްވީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. އެގޮތުން އެ ބައްދަލުވުމުގައި ދަރިވަރުން ވަނީ ކޯހުގެ މުއްދަތު ދިގުލައިގެން ދިއުމާއި ފީ ދެއްކުމުގައި އެކުދިންނަށް ދިމާވާ ތަކުލީފުތައް ހިއްސާ ކޮށްފައެވެ. ހާއްސަކޮށް އެމެރިކާ ޑޮލަރުން ކުދިންނަށް ފީ ދައްކަން ޖެހުމުން ދިމާވާ ދަތިތަކުގެ ވާހަކަތައް ވަނީ ހިއްސާކޮށްފައެވެ.

ނާއިބު ރައީސް ފައިސަލް ނަސީމް ވަނީ އެކުދިންނަށް ދިމާވަމުން އަންނަ މައްސަލަތައް ވަރަށް ގާތުން ސަރުކާރުން ބަލަމުން އަންނަ ކަމަށާއި އެކަމުގައި ދަރިވަރުންނަށް އެހީވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. ނާއިބު ރައީސްގެ އަރިހުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުވެސް ހުންނެވުމުން ނާއިބު ރައީސް ވަނީ ފްލައިން ސްކޫލުގެ ދަރިވަރުންނަށް އެމެރިކާ ޑޮލަރުން ފީ ދައްކަން ޖެހިފައި އޮތް ގޮތް ބަދަލު ކުރެވޭނެ ގޮތެއް އޮތްތޯ ބަލައި ދެއްވުމަށް އެދިވަޑައިގެންފައެވެ.

މިނިސްޓަރު އަމީރު ވެސް ވަނީ އެކަމުގައި އެކުދިންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.