މަރަށް އިންސާފު ހޯދަން ކަމަށް ބުނެ "އުހަށް" އަރާ އިހުތިޖާޖު ކުރަނީ

ދަރިފުޅުގެ މަރަށް އިންސާފު ހޯދުމަށް ބައްޕަ ހުރަވީ ބިލްޑިންގ ކައިރީ ހުރި ދަގަނޑުތަކުގެ މައްޗަށް އަރާ ---

ދަރިފުޅުގެ މަރަށް 6 އަހަރު ވެގެން ދިޔައިރުވެސް އިންސާފު ލިބިފައި ނުވާތީ، އިންސާފު ހޯދުމަށް ކަމަށް ބުނެ ހުރަވީ ބިލްޑިންގ ހެދުމަށްޓަކައި އެތަނުގައި ޖަހާފައި ހުރި ހޮޅިތަކުގެ މަައްޗަށް އަރާ ހުރެ މީހަކު އިހުތިޖާޖު ކުރަމުން އެބަދެއެވެ.

އިހުތިޖާޖު ކުރަމުންދާ މީހާ އިހުތިޖާޖު ކުރަމުން ދަނީ ދެހާސް ސާދަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މއ. ބޭރުމަތީގޭގެ ހަ ވަނަ ފަންގިފިލާއިން މަގުމައްޗަށް ވެއްޓި ހ. ދޫހިމެރިގެ، ނަދާލް ރަޝީދު، މަރުވި މައްސަލާގައެވެ.

އިހުތިޖާޖު ކުރަމުން ދަނީ ނަދާލްގެ ބައްޕަ އަދި ކުރީގެ މަޝްހޫރު ފިލްމީތަރި އިބްރާހީމް ރަޝީދު (ބްރޯ)އެވެ. މި އިހުތިޖާޖާއި ގުޅިގެން ރައީސް އޮފީސް ސަރަހައްދު، ގްރީން ޒޯން އޮތީ އެއްކޮށް ބަންދުކޮށްފައެވެ. އަދި ފުލުހުންނާއި ސިފައިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މި އިހުތިޖާޖު ކުރާ މީހާ އުހަށް އަރާ އިން މަންޒަރު ބެލުމަށް ކޮންމެވެސް ވަރަކަށް މީހުން ދަނީ ޖަމާވަމުންނެވެ.

ނަދާލް ރަޝީދު ހަށިގަނޑުން ނެގުނު ބްލަޑް ސާމަޕަލް ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެއެވެ.

މި މައްސަލަ އާއި ގުޅިގެން މީގެކުރިން ފަސް މީހަކު ހައްޔަރުވެސް ކުރިއެވެ. ނަމަވެސް ކޯޓުން ވަނީ އެ މީހުން ފަހުން ދޫކޮށްލައިފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.