ނަޝީދާއި އިދިކޮޅު މެންބަރުންގެ ފަރާތުން ތަފާތު މަންޒަރެއް!

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް މިވަނީ ފަށާފައެވެ. މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފެށިއިރި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އޮންނެވީ ޖަލުގެ ތޭރިތަކުގެ ތެރޭގައެވެ. މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެންނެވެ. މަޖިލީހުގެ ޖަލްސާ ނުވަތަ ރިޔާސީ ބަޔާން އިއްވެވި ޖަލްސާ މިއަދު އޮތީ މަޖިލީހުގެ އިދާރާގައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލިސް ތަޅުމަށް ވަޑައިގެން އެމަނިކުފާނުގެ އިށީނދެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ގޮނޑިކޮޅުގައި އިށީނދެވުމުން އާދައިގެ މަތިން މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފައްޓަވާ ގޮތަށް ފެއްޓެވިއެވެ. ދުވަހުގެ ތާރީހުން ފެށިގެން ގޮސް ނަކަތާއި ހަމައަށް ރައީސް ނަޝީދު  މަޖިލިސް ޖަލްސާ ފައްޓަވާ ދުވަހުގެ އެޖެންޑާ އިއުލާން ކުރެއްވިއެވެ. ދުވަހުގެ އެޖެންޑާގައި އޮތީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން ކަމަށް ވާތީ، އެމަނިކުފާނު ގޮނޑޮކޮޅުން ތެދުވެވަޑައިގެން ޕޯޑިއަމްއާ ދިމާލަށް ވަޑައިގަތެވެ.

ހަމަ ހިމޭންކޮށް އޮތް މަޖިލީހުގެ ޖަލްސާގެ އޮއިވަރު ބަދަލުވެގެން ދިޔައީ މިހިސާބުންނެވެ. ރައީސް ސޯލިހު ހަމްދު ސަނާ ކިޔުއްވަން ފެއްޓެވި ހިސާބުން ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ޝިޔާމް ވަޑައިގެން ރައީސް ސޯލިހުގެ ކުރިފުޅުމަތީގައި ހުއްޓިވަޑައިގެންނެވިއެވެ. ހުދު ކުލައިގެނ ގަނޑެއް ހިއްޕަވައިގެން ޝިޔާމް ހުންނެވިތާ ކުޑަ ވަގުތުކޮޅެއް ވީތަނުން ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފުވެސް ތެދުވެވަޑައިގެން ޝިޔާމްއާ ބައިވެރިވެވަޑައިގަތެވެ. އޭގެފަހުން ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ އެހެން މެންބަރުންވެސް މި ދެ ބޭފުޅުންނާއި ބައިވެރިވެވަޑައިގަތެވެ.

މި ބޭފުޅުންގެ އިހުތިޖާޖުގެ ސަބަބުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެއްވެސް ދަތިކަމެއް ދިމައެއް ނުވެއެވެ. އިދިކޮޅު މެންބަރުންވެސް ހުދު ރައީސް ރިޔާސީ ބަޔާން އިއްވަވާކަށް ދެކޮޅެއް ނުހައްދަވައެވެ. އެމަނިކުފާނު ގެންދެވީ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އިދިކޮޅު މެންބަރުން ގެންދެވީ ސުލްހަވެރި ނުވަތަ ހިމޭން އިހުތިޖާޖެއް ކުރައްވަމުންނެވެ.

ޖަލްސާގެ ވަކި ހިސާބަކުން ފެނިގެން ދިޔައީ ރައީސް ސޯލިހު ވިދާޅުވި އެއްޗަކަށް އަތްތިލަ ބަޑި ޖައްސަވަމުން ނަޝީދު ވަކި ކަމެއް ނުކުރެއްވުމަށް އިޝާރާތް ކުރެއްވި މަންޒަރެވެ. ކޯފާ އިސް ނުކުރައްވާ މަޖާޒީ ގޮތަކަށް ނަޝީދު އެކަން ކުރެއްވިއިރު ސީދާ އެކަމެއް ނުކުރެއްވުމަށް ވިދާޅުވީ ކޮން މެންބަރެއްގެ އަރިހުން ކަމެއް ނޭނގެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި ނަޝީދު އެފަދައިން ވިދާޅުވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ އަރިހުންނެވެ. ނަޝީދުގެ އިޝާރާތް ހުންނެވި ގޮތުން އިހުތިޖާޖު ނުކުރާށޭ ވިދާޅުވާހެން ވެސް ހީވެއެވެ. ނުވަތަ އަޑުގަދަ ނުކުރާށޭ ވިދާޅުވާހެން ވެސް ހީވެއެވެ.

ކޮންމެއަކަސް ނަޝީދު މަސައްކަތް ކުރެއްވީ ޖަލްސާގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ހިނގަިޔަ ނުދީ މަޖިލިސް ޖަލްސާ ނިންމާލެވޭތޯއެވެ. ނަޝީދު ބޭނުންފުޅުވި ގޮތަށް މަޖިލީހުގެ ޖަލްސާ ނިންމާލެއްވީ އެއްވެސް ހަމަނުޖެހުމެއް ނުހިނގައެވެ. އަދި ރައީސް ސޯލިހުވެސް ރިޔާސީ ބަޔާން ދެއްވާ ނިންމާލުމުން އިދިކޮޅު މެންބަރުންވެސް ސުލްހަވެރި ކަމާއި އެކު ކުރިޔަށް ގެންދިޔަ އިހުތިޖާޖު ނިންމާލައްވާ އެނބުރި ވަޑައިގެންނެވިއެވެ.

މީގެކުރިންވެސް ރައީސްކަން ކުރެއްވި ބޭފުޅުން ރިޔާސީ ބަޔާން ދެއްވިއިރު ކަންކަން ހިނގާފައި ވަނީ މިފަދައަކުން ނޫނެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވި ބޭފުޅުންގެ ފަރާތްޕުޅުންވެސް މިފަދަ އަމަލުތަކެއް އަދި އިދިކޮޅު މެންބަރުންގެ ކިބައިންވެސް މިފަދަ މަންޒަރެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.