ކޮރޯނާވައިރަހަށް ހޭލުންތެރިކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ފަށައިފި

ކޮރޯނާއިން ރައްކާތެރިވުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފަށައިފި/ ފޮޓޯ: ހެލްތް މިނިސްޓްރީ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަހުން ސަލާމަތްވުމަށް ރާއްޖެއިން އަޅަމުންގެންދާ ފިޔަވަޅުތަކުގެތެރެއިން ޢާއްމުން ހޭލުންތެރިކުރުމުގެ ޚާއްސަ ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ، އަތޮޅުތެރެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިޕްރޮގްރާމްތަކުގައި ރާއްޖޭގެ ހުރިހާ އަތޮޅެއް ކަވާކުރުކުރާނެ ކަމަށެވެ. އަދި ރަށްރަށުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގެތެރެއިން ދޮރުން ދޮރަށް މައުލޫމާތު ދިނުމާއި ސްކޫލްތަކުގައި ތަޢއުލީމު ހާސިލުކުރަމުން އަންނަ ކުދިންނަށާއި އޮފީސްތަކާއި އެކި މުއައްސަސާތަކުގައި ސެޝަންތައް ވަނީ ކުރިއަށް ގެންދެވިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ކޮރޯނާ ވައިރިސްއަށް ހޭލުންތެރިކުރުމަށް ބޭއްވުނު ވޯކްޝޮޕް/ ފޮޓޯ: ހެލްތް މިނިސްޓްރީ

މިނިސްޓްރީން ބުނީ މިހަރަކާތުގެތެރެއިން ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަހާއި ގުޅޭ މައުލޫމާތާއި އެވައިރަސް ފެތުރޭ ގޮތާއި އޭގެއިން ރައްކާތެރިވުމަށް ފަރުދީގޮތުންނާއި މުޖުތަމައު ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ މައުލޫމާތުދީފައިވާ ކަމަށެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ރާއްޖޭގެ ހުރިހާ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ހޮސްޕިޓަލް، ސިއްހީ މަރުކަޒު އަދި ސިއްހީ އިދާރާތަކާއި، ކަމާ ބެހޭ އެހެނިހެން ފަރާތްތައް ގުޅިގެން އަންނަނީ މަސައްކަތްކުރަމުންކަމަށާއި، މީގެ އިތުރުން މިވައިރަހުން ރައްކާތެރިވުމަށް ރާއްޖޭގެ ފަތުރުވެރިންނަށް ހިދުމަތްދޭ ރިސޯޓުތަކުގައިވެސް އަންނަނީ މަސައްކަތްކުރަމުންކަމަށް މިނިސްޓްރީން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.